Close
ޚަބަރު

ދަރަނި ބޮޑުވުމަކީ މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް އޮތް ހުރަހެއް: ނަޝީދު

އަލީ ޔާމިން

ގައުމުތަކުގެ ދަރަނި ބޮޑުވުމަކީ މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް އޮތް ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ޒުވާނުންގެ މަޖިލީހުގެ ދެ ވަނަ ދައުރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރައީސް ނަޝީދު ވިދާޅުވީ ޒުވާނުންގެ މަޖިލީހެއް އޮތުމަކީ މުހިންމުކަމެއް ކަމަށާއި ގައުމުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ އެއްބަޔަކީ އެގައުމެއްގެ ޒުވާނުން ކަމަށެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް މޫސޫމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުން ބޮޑުކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ގެއްލުން އެންމެ ބޮޑަށް ކުރާ އެއްގައުމަކީ ރާއްޖެ ކަމަށެވެ.

މޫސުމީ ގެއްލުންތަކުން އަރައިގަނެވޭނީ ގައުމުތަކުން އެކަތިގަނޑަކަށްވެ މަސައްކަތްކޮށްގެން ކަމަށެވެ. އަދި ދެކުނު އޭޝިއާގެ ގައުމުތަކުގެ ދަރަނި އިތުރުވުމަކީވެސް މޫސުމީ ގެއްލުންތަކުން އަރައިގަތުމަށް އޮތް ހުރަހެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުވެސް ގަބޫލު ކުރަން އަޅުގަނޑުމެންގެ ދަރަންޏަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކި ގޮތްގޮތުން ގުޅިފައިވާ އެއްޗެއްކަން. އަހަރެމެން އެންމެންވެސް އިންފްރާސްޓެކްޗާ ބޭނުންވޭ. އެންމެންވެސް ދަރަނި ނަގަން ޖެހޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ލަންކާއަށް ފަހުގެ ތާރީހުތަކުގައި ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުން އަރައިގަތުމަށް އެތައް މިލިއަން ޑޮލަރެއް އެގައުމުގެ ސަރުކާރުން ހަރަދުކުރަން ޖެހުނުކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ގައުމުގެ ދަރަނި އިތުރުވުމުން އެގައުމެއްގެ ތަރައްގީއަށް ކުރަން އޮންނަ ހޭދަ މަދުވާ ކަމަށާއި އެކަމުގެ ސަބަބުން ކާރިސާއެއް ކުރިމަތިވެއްޖެނަމަ އެކަމުން އަރައިގަންނަން ގިނަ ދުވަސްތަކެއް ނަގާ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ބޮޑު ސަބަބަކީ ޖައްވަށް ވިހަ ގޭސްތައް ދޫކުރުން ކަމަށާއި ޖައްވަށް ވިހަ ގޭސް ދޫކުރުން މަދުނުކޮށްފިނަމަ ދިރުންތައް ނެތިގެން ދިއުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށެވެ.