ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން ތައްޔާރަށް އޮތް ފްލައިޓެއްގައި ރޯވެއްޖެއެވެ.
ރޯވެފައި ވަނީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.
އެމްއެންޑީއެފުން މިރޭ ބުނީ މޯލްޑިވިއަންގެ ފްލައިޓެއް ހަނިމާދޫ އެއާޕޯޓުން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮކްޕިޓުގައި އަލިފާނުގެ ހާދިސާއެއް ހިގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަލިފާނުގެ ހާދިސާ ހިނގީ ޝޯޓޭޖެއްވެގެން ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ކޮކްޕިޓްގައި ރޯވުމާއެކު ވަގުތުން ފްލައިޓުގައި ތިބި ޕަސެންޖަރުން ސަލާމަތުން ބާލާފައިވާ ކަމަށެވެ. އަދި އަލިފާން މިހާރު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ ފްލައިޓު ޓޯކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ނަމަވެސް ފްލައިޓަށް ލިބިފައިވާ ގެއްލުމުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއް ސައްތާރު ހަސަން މިރޭ "ވަން" އަށް ވިދާޅުވީި، އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޭކަން އެއާޕޯޓުގެ ފަރާތުން ކައުންސިލަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ފްލައިޓުގެ ކޮކްޕިޓްގައި ރޯވެ ވިންޑް ސްކްރީނަށް ގެއްލުންވެފައިވާ ކަމުގެ މައުލޫމާތު އެއާޕޯޓުން ކައުންސިލަށް ދީފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު