ޚަބަރު

ގްރެފިޓީތައް ފޮހުނު ތަންތަނުގައި އަލުން ކުރަހައިފި، ފުލުހުން މައްސަލަ ބަލަނީ

އަލީ ޔާމިން

މާލޭގެ ބައެއް ސަރަހައްދުތަކުގެ ފާރުތަކުގައި ކުރަހާފައިވާ ގްރެފިޓީތައް މާލޭ ސިޓީ ކައުންސިލާއި ސިފައިންނާއި ފުލުހުން ގުޅިގެން ފޮހެ، ސާފު ކޮށްފައި ވަނިކޮށް އެތަންތަނުގައި އަނެއްކާ ވެސް ގްރެފިޓީތައް ކުރަހަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ގްރެފިޓީތައް ފޮހެ ސާފުކުރަން ފެށީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެންނެވެ. އެގޮތުން، ސިޓީ ކައުންސިލުން މިހާތަނަށް ވަނީ މާލޭގެ 27 ސަރަހައްދެއްގައި ހުރި ގްރެފިޓީ ސާފުކޮށްފައެވެ.

ގްރެފިޓީ ފިލުވުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށާފައިވާ އިރު، "ގުޅިގެން" ޝިއާރުގެ ދަށުން މާލޭގެ ސަލާމަތާއި އަމާންކަން ކަށަވަރުކުރުމަށް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ. މި އޮޕަރޭޝަނުގައި މާލޭގައި ގޭންގުތައް އާންމުކޮށް އެއްވެ އުޅޭ ސަރަހައްދުތަކުގައި ވަރަށް ބޮޑަށް އަންނަނީ ފޯރިމަރަމުންނެވެ.

ކައުންސިލުން ގްރެފިޓީތައް ފިލުވާފައިވަނިކޮށް އެފަދަ ތަންތަނުގައި ބައެއް ފަރާތްތަކުން އަނެއްކާވެސް ވަނީ ގްރެފިޓީތައް ކުރަހައިފައެވެ. ބައެއް ސަރަހައްދުތަކުގައި ގޭންގުތަކުގެ ނަންނަމާއި ފުލުހުންނަށް ނިސްބަތްކޮށް ހުތުރު ބަސްތަކާއި ބޭއަދަބީ ބަސްތައް ލިޔެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ، ގްރެފިޓީ ކުރަހާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް ގޭންގުތަކުން ބާރު ހިންގަމުންދާ އިރު، އެމީހުން އުޅޭ ސަރަހައްދުތަކުގެ ފާރުތަކުގައި އެމީހުންގެ ގޭންގުތަކުގެ ނަމާއެކު އެކަމަށް ހިތްވަރުދޭ އެކިއެކި ގްރެފިޓީތައް ކުރަހާފައި ހުރެއެވެ.