ޚަބަރު

ދޮޅިޔަދޫ ރިސޯޓާއި ގަސްވެލި ވިއްކާލަން އިއުލާނުކޮށްފި

އަލީ ޔާމިން

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)އިން ނެގި ލޯނެއް ނުދެއްކުމުން، އެ ބޭންކަށް ނަގާފައިވާ ށ. ދޮޅިޔަދޫ އައިލެންޑް ރިސޯޓާއި ގަސްވެލި ވިއްކާލަން މިއަދު އިއުލާނުކޮށްފިއެވެ.

ތްރީ އޭ ކުންފުނިން ހިންގާ 100 އެނދުގެ ދޮޅިޔަދޫ ރިސޯޓަކީ 2019 ގައި ވެސް އެސްބީއައިއިން ވިއްކުމަށް އިއުލާންކުރި ރިސޯޓެކެވެ. އެ ފަހަރު އެ ރިސޯޓު ވިއްކަން އިއުލާންކުރީ 42 މިލިއަން ޑޮލަރަށެވެ.

އެސްބީއައި އިން މިއަދު ކުރި އިއުލާނުގައި އެ ރިސޯޓް ވިއްކުމަށް ކަނޑައަޅާފައިވަނީ 33 މިލިއަން ޑޮލަރަށެވެ.

އެސްބީއައިއަށް ދޮޅިޔަދޫ ރިސޯޓް ވިއްކައިލުމުގެ ހުއްދަ ލިބިފައިވަނީ 2008 ވަނަ އަހަރު އެސްބީއައި އިން ދޮޅިޔަދޫ އިންވެސްޓަމްނަޓް ޕްރައިވެޓް ލިމިޓެޑަށް ދޫކުރި ލޯނުތަކެއް ނުދެއްކުމުން އިންޓްރެސްޓާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 11 މިލިއަން ޑޮލަރު ނުދެއްކުމުން އެ ރިސޯޓް އެސްބީއައިއަށް ނެގުމަށް 2015 ވަނަ އަހަރު، ސިވިލް ކޯޓުން ހުކުމް ކުރުމާއެކުގައެވެ. އެ ހުކުމަށް ހައިކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

އެސްބީއައިއިން ވިއްކާލަން އިއުލާނުކުރި ގަސްވެއްޔަކީ ރިިސޯޓު ހެދުމަށް މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) އާއި އިތުރު ބަޔަކު ގެރެންޓީ ދީގެން އަމިއްލަ ކުންފުންޏަކަށް ނަގާފައިވާ ދެ ލޯނަކަށް 35 މިލިއަން ޑޮލަރު ނުދެއްކުމުން އެ ބޭންކަށް ނެގި ރަށެވެ. ގަސްވެލީގެ އިތުރުން ބޮޑުވެލި އަދި ކުޑަ އުސްފުށީގެ ލީސް ހޯލްޑް ރައިޓްސް ވިއްކައިލުމުގެ ހުއްދަވެސް އެސްބީއައިއަށް ވަނީ ދީފައެވެ.

ގަސްވެލި ވިއްކާލުމަށް ކަނޑައަޅާފައި ވަނީ 17 މިލިއަން ޑޮލަރަށެވެ.

ދޮޅިޔަދޫ ރިސޯޓާއި އާއި ގަސްވެލި ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮތް އިރު، ބިޑް ޑިޕޮސިޓްގެ ގޮތުގައި 15،000 ޑޮލަރު ހުށަހަޅަން ޖެހޭނެ ކަމަށް އެސްބީއައި އިން ބުންޏެވެ. ބިޑް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ 17:00ގެ ކުރިންނެވެ.