ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރަޖިސްޓްރީކުރަން ދައްކަންޖެހޭ ފީއާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ލައިސެންސް ފީގެ އަގުތައް ބޮޑުތަނުން ކުޑަކޮށް ބްރޯޑްކާސްޓް ކުރުމުގެ އާ ގަވާއިދު އާއްމު ކޮށްފިއެވެ.

މި ގަވާއިދު އާއްމުކޮށް އިއްޔެއިން ފެށިގެން އަމަލު ކުރަން ނިންމާފައިވާއިރު، މީގެ ކުރިން އަމަލު ކުރަމުން އައި ގަވާއިދު އިއްޔެއިން ފެށިގެން ވަނީ އުވާލައިފައެވެ.

އާ ގަވާއިދުން ގެނައި ބަދަލާއެކު، ބްރޯޑްކާސްޓިން ހިދުމަތެއް ކޮމިޝަންގައި ރަޖިސްޓްރީކުރަން، މީގެކުރިން ދައްކަންޖެހޭ 2،000 ރުފިޔާގެ ފީ މިހާރު ވަނީ، (ރޭޑިއޯ ވިޔަސް ޓީވީ ވިޔަސް) 500 ރުފިޔާއަށް ބަދަލު ކޮށްފައެވެ.

ކުރީގެ ގަވާއިދުގައި ބްރޯޑްކާސްޓިން ހިދުމަތްތައް ގިންތި ތަކަކަށް ބަހާލާފައި އޮތް ނަމަވެސް، އާ ގަވާއިދުން އެ ތަފާތުކުރުން ވަނީ ނައްތާލައިފައެވެ.

އެހެންކަމުން ކޮންމެ ބާވަތެއްގެ ހިދުމަތަކަށް ވިޔަސް ރޭޑިއޯ ނަމަ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭނީ 10،000 ރުފިޔާ އެވެ. ޓީވީއެއް ނަމަ ދައްކަން ޖެހޭނީ 20،000 އެވެ. އަދި ސްޓްރީމްކޮށްގެން ވީޑިއޯގެ ހިދުމަތެއް ނުވަތަ އޯޓީޓީގެ ހިދުމަތެއް ނަމަ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހެނީ 2،000 ރުފިޔާ ކަމަށް އާ ގަވާއިދުގައި ވަނީ ކަނޑައަޅައިފައެވެ.

ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށާއި، ލައިސަންސް ދޫކުރުމާއި، ލައިސަންސް ހިފެހެއްޓުމާއި ބާތިލު ކުރުމަށް އާ ގަޥާއިދުގައި ހިމަނާފައިވާ ކަންތައްތަކަށް، ކުރީގެ ގަވާއިދާ ބަލާއިރު މާބޮޑު ބަދަލުތަކެއް އައިސްފައެއް ނުވެއެވެ.