ހައިކޯޓު

ދަ ހޯކްސް އަށް 1.9 މިލިޔަން ދައްކަން، ކޮރަލް އައިލެންޑަށް އެންގި މައްސަލައިގެ އިސްތިއުނާފް ހައިކޯޓުން ބޭރު ކޮށްލައިފި

އިބްރާހިމް ޒަކީ

ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 1.9 މިލިޔަން ރުފިޔާ ދެއްކުމަށް، ކޮރަލް އައިލެންޑް ރިސޯޓުގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައި ނުގަނެ ބޭރު ކޮށްލައިފިއެވެ.

މި މައްސަލައަކީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ކޮރަލް އައިލެންޑް ރިސޯޓްސް އަށް ސަޕްލައި ކޮށްފައިވާ ޑީސަލާއި ޕެޓްރޯލްގެ އަގު ހޯދުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން ފޮނުވާފައިވާ ހަ އިންވޮއިސް އަކަށް ފައިސާ ދައްކާފައި ނުވާތީ، ކޮރަލް އައިލެންޑް ރިސޯޓްސް ގެ މައްޗަށް ދަ ހޯކްސްއިން ސިވިލް ކޯޓުގައި ކޮށްފައިވާ ދައުވާއެކެވެ.

މި މައްސަލައިގައި ދަ ހޯކްސް އިން ކޯޓުގައި އެދިފައިވަނީ، އެ އިންވޮއިސްތަކަށް ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެގެން ދިޔައިރުވެސް ފައިސާ ދައްކާފައި ނުވާތީ، ނުލިބިވާ 1،917،790.00 ރުފިޔާ އާއި ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުގެ ސަބަބުން އިންވޮއިސްގައިވާ ގޮތުގެ މަތީން ދުވާލަކަށް 0.5 ޕަސެންޓްގެ ރޭޓުން ޖޫރިމަނާއަށް ވާ 925،325.55 ރުފިޔާއާއެކު 2،843،115.55 (2.8މިލިޔަން ރުފިޔާ) އެއްފަހަރާ ނަގައިދިނުމަށެވެ.

މި މައްސަލަ ސިވިލްކޯޓުން ބެލުމަށްފަހު އައިލެންޑް ރިސޯޓުގެ މައްޗަށް އެ ކޯޓުން ހުކުމް ކޮށްފައިވަނީ، ދަ ހޯކްސްގެ އިންވޮއިސް ތަކުގެ ޕްރިންސިޕަލް އަދަދުގެ ގޮތުގައި މި ދައުވާގައި ހޯދުމަށް އެދިފައިވާ 1.9 މިލިޔަން ރުފިޔާ ބަހާލައިގެން ހަތަރު މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށެވެ. ނަމަވެސް ޖޫރިމަނާގެ ގޮތުގައި ހޯދުމަށް ދައުވާގައި އެދިފައިވާ ފައިސާ އަކީ ނަގައިދެވޭނެ ފައިސާއެއް ނޫން ކަމަށްވެސް ހުކުމްގައި ވެއެވެ.

މި ހުކުމާ ގުޅިގެން ކޮރަލް އައިލެންޑް ރިސޯޓުގެ ފަރާތުން މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެކަމާ ގުޅިގެން އެ މައްސަލަ ބަލައިގަތުމާބެހޭގޮތުން އެ ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމުގައި ބުނެފައި ވަނީ، ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވާ ފައިސާ ދައްކައި ހަލާސް ކުރުމަށް ކަނޑައެޅި މުއްދަތަކީ އިސްތިއުނާފު ކުރާ ފަރާތުގެ މާލީ ހާލަތަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރުމެއްނެތި އަދުލުގެ ހަމަތަކުން ބޭރުން ކަނޑައެޅި މުއްދަތެއް ކަމަށް އިސްތިއުނާފު ހުށަހެޅުމުގައި ބުނެފައިވާއިރު، އެ ނިންމުން އަދުލުގެ ހަމަތަކުން ބޭރުވެފައިވާ ގޮތެއް ނުކުތާގެ ތަފުސީލުގައި ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އަދި ސިވިލްކޯޓުގެ ހުކުމުން، ކަނޑައަޅާފައިވާ ފައިސާއަކީ، ނުދައްކާ ކަމަށް އެއްބަސްވެފައިވާ ފައިސާއެއް ކަމަށްވާތީ، އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅާފައިވާ މި މައްސަލައަކީ ސުޕްރީމް ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ފަދަ ގާނޫނީ ބަހުސެއް ހުށަހެޅިފައިވާ މައްސަލައެއް ކަމަށް ބެލެވެން ނެތަތީ، ސުޕްރީމް ކޯޓުގެ ނިންމުމާއި ހައިކޯޓުގެ ގަވާއިދާ ހަވާލާދީ މި މައްސަލަ ބަލައިގަނެވެން ނެތްކަމަށް އެންގީ،" ކަމަށްވެސް ބުނެފައިވެއެވެ.