ޚަބަރު

ކޮމަންޑޫ ދާއިރާއަށް ހަންނާންގެ ގިނަ ވައުދުތަކެއް، ދާއިރާގެ ރައްޔިތުންނަށް އިންޓްރެސްޓު ފްރީ ލޯނު ދޭނަން: ހަންނާނު

މުހައްމަދު އިޝާން

"ފުދުންތެރި ފަންޑުގެ" ނަމުގައި ދެ މިލިއަން ރުފިޔާގެ ފަންޑެއް ހަދައި އެފަންޑުން ފުދުންތެރި ރައްޔިތުން ބިނާކުރުމަށް އިންޓްރެސްޓު ފްރީ ލޯނު ދޫކުރާނެ ކަމަށް ކޮމަންޑޫ ދާއިރާއަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ވާދަކުރާ އަބްދުލް ހަންނާނު އިދުރީސް ވިދާޅުވެއްޖެއެވެ.

ހަންނާންގެ ވައުދުތައް އިއުލާނުކުރުމަށް އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހަންނާނު ވިދާޅުވީ، ދެ މިލިއަން ރުފިޔާގެ އިންޓްރެސްޓު ފްރީ ލޯނު ފަންޑެއް ގާއިމުކުރާނީ ރައްޔިތުން މަޖިލީހުން މުސާރައިގެ ގޮތުގައި ލިބޭ ފައިސާއިން ކަމަށެވެ. ހަންނާނު ވިދާޅުވީ، އޭނާ ވަނީ މުޅި ދާއިރާ ހިމެނޭހެން ދާއިރާގެ ވަކި ރަށްތަކަށް ވެސް ވައުދުވެފައި ކަމަށެވެ. އަދި މެނިފެސްޓޯގައި ނުފުއްދޭނެ ވައުދެއް ނޫނީ ނުކޮށްދެވޭނެ ވަރުގެ ކަމެއް ނޯންނާނެ ކަމަށެވެ.

ހަންނާނު ވިދާޅުވީ އޭނާ މަޖިލިހަށް ކުރިމަތިލަނީ ދާއިރާގައި ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ރައްޔިތުންނަށް ނަފާ ހޯދައިދިނުމަށް ކަމަށެވެ.

ހަންނާނު ވިދާޅުވީ، ކޮމަންޑޫގެ ދެކުނުގައި އޮތް ދިގުވެލިދޫގައި އެއާޕޯޓެއް ހަދައިދިނުމަކީ އޭނާގެ ވައުދެއް ކަމަށެވެ. އެ ވާހަކަ ކޮންމެ ބަޔަކު ދެއްކިޔަސް އެ ހަގީގަތް ބަދަލު ނުވާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާއަށް ހަންނާނު ވެފައިވާ ވައުދުތައް:

  • "ފުދުންތެރި ފަންޑް"ގެ ނަމުގައި 2 މިލިޔަން ރުފިޔާގެ ފަންޑެއް ހަދައި، އެފަންޑުން ފުދުންތެރި ރައްޔިތެއް ބިނާކުރަން އިންޓްރެސްޓް ފްރީ ލޯނު ދިނުން
  • ރައްޔިތުންނަށް މުހިންމު ގާނޫނުތައް ފާސްކުރުމުގައި އިސްކަން ދިނުން
  • ކޮމަންޑޫ، ފޯކައިދޫ، އަދި މަރޮށީގެ މައްސަލަތަކަށް މަޖިލީހުގައި ވަކާލާތުކުރުން
  • ހަމަހަމަކަމާއި އިންސާފުވެރިކަމާއި ތެދުވެރިކަމާއެކު މަސައްކަތްކުރުން
  • ސަރުކާރާއި ގުޅިގެން ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތަކުގެ ދުވެލި ބާރުކުރުން
  • ތަނަވަސްކަމެއްނެތް، މަދުވެގެން ކޮންމެ ރަށަކުން އެއް ބޭފުޅަކު، ކޮންމެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރުމަށް ފޮނުވުން
  • ދާއިރާގެ ތިން ރަށުގައި، ވަކިވަކިން ކޮންމެ އަހަރަކު މަރްޙޫމް ހުސައިން ވަހީދުގެ ހަނދާނުގައި "އެމްޕީކަޕް" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ބޭއްވުން
  • ހަމަހަމަ، އިންސާފުވެރި ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ވަކާލާތުކުރުން

ކޮމަންޑޫއަށް ހަންނާނުވި ވައުދުތައް:

  • އެއަރޕޯޓް އެޅުމަށް ސަރުކާރަށް ޕްރެޝަރުކުރުން
  • މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް އައިސްޕްލާންޓް ބަހައްޓައިދިނުން
  • ސްލިޕްވޭ އިންސްޓޯލް ކޮށްދިނުން
  • މަސްވެރިން ބާނާ މަސް ކަނޑާނެ ތަނެއް ހަދައިދިނުން
  • ފަސްގަނޑު އޮތް ސަރަހައްދު ހުސްވުމުން އެތަނުގައި ހަޓް ޖަހައި ތަރައްގީކުރުމަށް އެހީވެދިނުން
  • ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށް ޖިމެއް ހަދައިދިނުން
  • ލޭންޑް ޔޫސް ޕްލޭން އަވަސްކުރުމަށް ގާނޫނަށް ބަދަލުގެނައުމަށް ހުށަހެޅުން
  • ރަށްފަތި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރުން
  • ސިއްހީ ދާއިރާ ތަރައްގީކުރަން މަސައްކަތްކުރުން
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ އެލަވަންސް ބޮޑުކުރުމަށް މަސައްކަތްކުރުން
  • ޒުވާން ޖީލު މަސްތުވާތަކެތިން ސަލާމަތްކުރުމަށް ޕްރޮގްރާމްތައް ހިންގުން
  • ތައުލީމީ މަރުކަޒުގެ ހިދުމަތްތައް ވަރުގަދަކޮށް، ތައުލީމު އުނގެނުމަށް ކައިރި ރަށްރަށުން އަންނަ ކިޔަވާކުދިން ބައިތިއްބާނެ ތަންތަން ތަރައްގީކުރުމަށް އެހީތެރިވުން

ފޯކައިދޫއަށް ހަންނާނުވި ވައުދުތައް:

  • ހެލްތު ސެންޓަރު ތަރައްގީކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެހީތެރިވުން
  • ހެލްތު ސެންޓަރުގައި މާބަނޑު މީހުންނަށް ވިހާނެ އިންތިޒާމު ހަމަޖައްސައިދިނުން
  • ޒުވާނުންނަށް ރަނގަޅު ފެންވަރެއްގެ ވޮލީ ކޯޓެއް އަޅައިދިނުން
  • ކޮލެޖެއްގެ ކެމްޕަހެއް ފޯކައިދޫގައި ގާއިމުކުރުމަށް މަސައްކަތްކުރުން
  • ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށް އޭޓީއެމް ބަހައްޓަން މަސައްކަތްކުރުން
  • ފުދުންތެރި ރައްޔިތަކު ބިނާކުރުމަށް ފަހާ ކޯސް، މޭކަޕް ކޯސް އަދި ކައްކާ ކޯސް ހިންގައިދިނުން
  • ޒަމާނީ ތައުލީމާއި ޓެކްނޮލޮޖީއަށް ކިޔަވާކުދިން އަހުލުވެރިކުރުމަށް ކޮމްޕިއުޓަރު ލެބެއް ތަރައްގީކޮށްދިނުން
  • އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުން
  • ކުޅިވަރުގައި ޒުވާނުންނަށް އިތުރު ފުރުސަތު ހޯދައިދިނުމަށް އެދާއިރާ ތަރައްގީކުރުމަށް އެހީތެރިވުން

މަރޮށްޓަށް ހަންނާނުވި ވައުދުތައް:

  • އިސްލާމީ ވަހުދަތު ވަރުގަދަކުރުމަށް ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުން
  • ކުޑަކުދިންގެ ޕާކް އިތުރަށް ތަރައްގީކުރުން
  • ސިއްހީ މަރުކަޒު ތަރައްގީކުރުން
  • މޫދަށް އެރޭނެ ސަރަހައްދެއް ތަރައްގީކުރުން
  • ބާބަކިއު ހަދާނެ ސަރަހައްދެއް ތަރައްގީކުރުން
  • ކޮމްޕިއުޓާ ކްލާސްތައް ހިންގައިދިނުން
  • އިންޑޯޖިމްއަށް ބޭނުންވާ ސާމާނު ހޯދައިދިނުން
  • ތުނޑީގައި ނޭޗާ ޕާކެއް ތަރައްގީކުރަން މަސައްކަތްކުރުން
  • އަންހެން ކަނބަލުން ފުދުންތެރި ބަޔަކަށް ހެދުމަށް ތަފާތު ފަންނުގެ ކޯސްތައް ހިންގުން
  • ސްކޫލްގައި ހިންގާ ކަންކަމުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުން

ހަންނާނުއަކީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރުމަށްފަހު މިހާރު އަމިއްލަ ވިޔަފާރި ހިންގުމުގައި އުޅުއްވާ ބޭފުޅެވެ. އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި ބޭފުޅުންގެ ތެރޭގައި ހަންނާން ހިމެނެއެވެ.