ހާއްސަ އެހީ (ސްޕެޝަލް ނީޑް) އަށް ބޭނުންވާ ފަތުރުވެރީންނަށް ރާއްޖެއިން ޓާގެޓުކުރަން ޖެހޭ ކަމަށާއި އެއީ ފަތުރުވެރިކަމުގައި މުހިންމު މާކެޓެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި މިނިސްޓަރު މައުސޫމް ރޭ ވިދާޅުވީ، ރާއްޖެއަކީ އަގުބޮޑު މަންޒިލެއް ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަންޔޫބީލް ފާހަގަކުރަމުން އަންނައިރު، ރާއްޖެއަށް ފަތުރުވެރިކަމުގެ ތަފާތު މޮޑެލްތައް ތައާރަފު ކުރަން ޖެހޭ ކަމަށެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ އެތައް ބަޔަކު ތިބިކަން ފާހަގަކުރައްވައި މިނިސްޓަރު މައުސޫމް ވިދާޅުވީ، އެފަދަ މީހުން ރާއްޖެ ގެނެސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމަކީ ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ނަފާ ލިބޭނެ ކަމެއް ކަމަށެވެ.
"ސްޕެޝަލް ނީޑްސް ހުންނާނެ ނޫންތޯ ބައެއް ބޭފުޅުން، ވަރަށް ބޮޑު މާކެޓެއް ދެއްތޯ. އެއީވެސް މުޖުތަމައުގެ މުހިންމު ބައެއް ރާއްޖޭގައި ފޯކަސް ކުރާ ދާއިރާއެއް، ހަމައެކަނި އިގްތިސޯދީ ގޮތުން ލިބޭ ކުރިއެރުމެއް ނޫން އެއީ" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ކަލްޗަރަލް އަދި އެންވަޔަރަމަންޓަލް ޓޫރިޒަލް ފުޅާކުރުމަކީ މުހިންމު ކަމެއް ކަމަށާއި ގިނަ ފަތުރުވެރިން މިހާރު އެންމެ ބޮޑަށް ބޭނުންވަނީ އެތަނެއްގެ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލުމަށް ކަމަށެވެ.
މިނިސްޓަރު މައުސޫމް އިތުރަށް ވިދާޅުވީ، ރާއްޖެއަށް ޓޫރިޒަމްގެ އާ މޮޑެލްތަކާއި ދިވެހިންގެ މެހެމާންދާރީ އެކުވުމުން، ރާއްޖޭގެ ޓޫރިޒަމާއި އެހެން ބަޔަކަށް ވާދަކޮށްނުލެވޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު