ޅ. މަޑިވަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މަޑިވަރު އެއާޕޯޓު ހިންގައި ބެލެހެއްޓުން އައިލެންޑް އޭވިއޭޝަނާ ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. އަދި ކުރެއްދޫ ހޯލްޑިންގްސް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.

އައިލެންޑު އެވިއޭޝަނުން މިއަދު ބުނީ، އެއާޕޯޓު ހުޅުވުމަށް ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތައް ކުރެއްދޫ ހޯލްޑިން ލިމިޓެޑާ ގުޅިގެން ފަށާފައިވާ ކަމަށާއި އެއާޕޯޓް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިމުމާއެކު މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް އަންނަ މަހު މަޑިވަރު އެއާޕޯޓަށް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެގާރަ މިލިއަން ޑޮލަރުގެ މަޑިވަރު އެއާޕޯޓު އަޅަން ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ ސަބްސިޑަރީއެއް ކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއާ ހަވާލުކޮށްފައިވަނީ 29 މެއި 2018 ގައެވެ. އެއާޕޯޓު އެޅުމުގެ އަމަލީ މަސައްކަތް ކުރީ ޗާއިނާގެ ކުންފުންޏެއް ކަމަށްވާ ބީޔޫސީޖީ އިންނެވެ. އެ ކުންފުންޏަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ތަރައްގީގެ ގިނަ މަސައްކަތްތަކެއް ވެސް ކުރި ކުންފުންޏެކެވެ.

މަޑިވަރުގައި އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ވަނީ 1200 މީޓަރުގެ ރަންވޭއަކާއި، އެއާކްރާފްޓުތައް ޕާކު ކުރާނެ ސަރަހައްދަކާއި، ފަޔާ ބިލްޑިންއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓާމިނަލެެއް ތަރައްގީކޮށްފައެވެ. މީގެ އިތުރުން އެއާޕޯޓުގެ ޓާމިނަލް އިމާރާތާއި، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި، އެކަމަޑޭޝަން ބްލޮކުގެ މަސައްކަތް ނިންމައި، ގްރައުންޑު ހޭންޑްލިންއަށް ބޭނުންވާ ސާމާނު ގެންގޮސް މިހާރު ވަނީ ހަރުކޮށް ނިމިފައެވެ.