ޚަބަރު

ކޮވިޑުގެ ބަލި މީހުން ފެސިލިޓީތަކުން ފަރުވާ ހޯދަން އެދެނީ އެހެން ބަލި މީހުންގެ ރައްކަލަކަށް: އޭޑީކޭ

އަލީ ޔާމިން

އޭޑީކޭ ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ ބަލި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި އެމީހަކަށް އެ ހޮސްޕިޓަލުގައި ފަރުވާ ނުދީ ކޮވިޑް ފެސިލިޓީއަކަށް ރެފާކުރަނީ ހޮސްޕިޓަލުގައި ފަރުވާ ހޯދާ އެހެން ބަލި މީހުންގެ ރައްކަލަކަށް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އޭޑީކޭ ހޮސްޕިޓަލަށް ވިއްސަންވެގެން ގެންދިޔަ މާބަނޑު މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ފަރުވާ ނުދީ ފޮނުވާލި މައްސަލައެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅިގެން އޭޑީކޭއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޮވިޑް ޕޮޒިޓިވް މީހުންނަށް ބޭނުންވާ ބޭސްފަރުވާ އެކަށީގެންވާ ގޮތަކަށް ފޯރުކޮށްދެވޭނީ އެހެން މީހުންނާ ވަކިން އެކަހެރި ތަނެއްގައި ފަރުވާކުރެވޭ ނިޒާމެއްގެ ތެރެއިން ކޮވިޑް ބަލި ފެތުރުނަ ނުދިނުމަށްވެސް ސަމާލުކަން ދީގެން ކަމަށްވާތީ، ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ ފަރާތްތަކަށް ފަރުވާ ކުރުމަށް ސިއްހީ ހިދުމަތްދޭ ވަކި ތަންތަން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެތަންތަނުގައި އެކަމަށް ހާއްސަ ކުރެވިގެން ފަރުވާދޭ މެޑިކަލް ޓީމުތައް ހަރަކާތްތެރި ވެވޭގޮތަށް ދައުލަތުން އިންތިޒާމުތައް ހަމަޖައްސައިދީފައިވާ ކަމަށްވެސް ބުންޏެވެ.

އޭޑީކޭއިން ބުނީ، އެ ހޮސްޕިޓަލުން ހިދުމަތް ހޯދަމުން އަންނަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ހާލަތެއްގައި، އެކަމަކަށް ހާއްސަ ކުރެވިފައިވާ މަރުކަޒަކަށް ބަލިމީހާ ޓްރާންސްފާ ކޮށްދީ، އެކަންކަން ހަމަޖެހިފައި އޮންނަ އުސޫލުން ކުރަމުން އަންނާނެ ކަމަށެވެ. ނަމަވެސް ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލުގެ އިމަޖެންސީއަށް ދާ ފަރާތެއް ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް، އެމަޖަންސީ ހާލަތްތަކުގައި އެފަރާތްތަކަށް ބޭނުންވާ ކުއްލި ފަރުވާ އެ ހޮސްޕިޓަލުން ދިނުމަށްފަހު ނޫނީ ކޮވިޑް ބަލި މީހުންނަށް ފަރުވާދޭ މަރުކަޒަކަށް ބަދަލު ނުކުރާނެ ކަމަށްވެސް ބުންޏެވެ.

"މިއާ ހިލާފަށް މި ހޮސްޕިޓަލުން ހިދުމަތް ހޯދުމަށް އަންނަ އާންމު ހާލަތުގައިވާ މީހަކަށް، ނުވަތަ އިމަޖެންސީ ހާލަތެއް ކަމަށް ނުބެލެވޭ ފަރާތެއް ކޮވިޑަށް ޕޮޒިޓިވެއްޖެ ކަމަށްވާނަމަ، އިސްކަންދޭނީ ވަގުތު އޮއްވައި އެފަރާތެއް ވީ އެންމެ އަވަހަކަށް، 'ކޮވިޑް ބަލި މީހުންނަށް' ފަރުވާދޭ މަރުކަޒަކަށް ފޮނުވައި ދިނުމަށެވެ..،" އޭޑީކޭއިން ބުންޏެވެ.

އޭޑީކޭއިން ބުނީ، އެގޮތަށް އަމަލުކުރަމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން އެހެން ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނާއި ވިހާ ކޮޓަރިތަކުގައި ވިއްސަން ވައްދާފައި ތިބި މީހުންނާއި ވިހައިގެން ނެރޭ ތުއްތުކުދިންނާއި އޮޕަރޭޝަން ތިއޭޓަރުތަކުން ބޮޑެތި އޮޕަރޭޝަންތައް ކޮށްގެން ނެރޭ މީހުންނާއި ދޮށީ އުމުރުގެ ހާލުދެރަ މީހުން ފަދަ ނާޒުކު ހާލަތްތަކުގައިވާ ތަފާތު އެތައް ބައެއްގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އޭޑީކޭއިން އިތުރަށް ބުނީ، އެ އުސޫލަކީ ކޮވިޑުގެ ބަލިމަޑުކަން ފެށުނީއްސުރެ އަދި މިހާރުވެސް އަމަލުކުރަމުން އަންނަ އުސޫލު ކަމަށެވެ.