ކޮވިޑް19 އާ ގުޅިގެން އިގުދިސޯދަށް އައި ހީނަރުކަމުގައި ވިޔަފާރިތައް ދެމެހެއްޓުމަށް 2020 ވަނަ އަހަރު ސަރުކާރުން ލުޔެއްދީ ކުލިދައްކަން ޖެހޭ މުއްދަތު ފަސްކޮށްދިން ނަމަވެސް، އެ އަހަރުން ފެށިގެން ރިސޯޓުތަކުގެ ބިމުކުލީގެ ގޮތުގައި ލިބެން ޖެހޭ 1.6 ބިލިއަން ރުފިޔާ (105 މިލިއަން ޑޮލަރު) ސަރުކާރަށް ނުލިބޭ ކަން ހާމަވެއްޖެއެވެ.
ދައުލަތަށް ލިބެން ޖެހޭ ރިސޯޓު ކުލި އާމްދަނީއާ ގުޅިގެން ޓުވިޓާ އެކްޓިވިސްޓް އައިމަން ލަތީފް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ހޯދައި އާންމުކުރި މައުލޫމާތުން ފެންނަ ގޮތުގައި މިހާތަނަށް ނުލިބޭ ރިސޯޓު ކުލީގެ ތެރޭގައި ކޮވިޑާ ގުޅިގެން ފަސްކޮށްދިން ކުއްޔާއި ފަސްނުކޮށްދޭ ކުލި ހިމެނެއެވެ.
މި ތަފާސް ހިސާބުތަކުން ދައްކާގޮތުން 2020 ވަނަ އަހަރު ފުރަތަމަ ކުއާޓާގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން 220.8 މިލިއަން ރުފިޔާ ނުލިބެއެވެ. އަދި އެ އަހަރުގެ ދެވަނަ ކުއާޓާއިން 259.3 މިލިއަން ރުފިޔާ ނުލިބި ހުރިއިރު ތިންވަނަ ކުއާޓާއިން 137.3 މިލިއަން ރުފިޔާ ނުލިބެއެވެ.
މީގެ އިތުރުން ފާއިތުވި އަހަރުގެ ފުރަތަމަ ކުއާޓާގައި 231.8 މިލިއަން، ދެވަނަ ކުއާޓާގައި 234.4 މިލިއަން، ތިންވަނަ ކުއާޓާގައި 265 މިލިއަން އަދި ހަތަރުވަނަ ކުއާޓާގައި 264 މިލިއަން ރުފިޔާ ނުލިބެއެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން ރިސޯޓުތަކަށް ދިން ލުއިތަކުގެ ތެރޭގައި 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓާ އާއި ހަތަރުވަނަ ކުއާޓާއަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި 1 ޖޫން 2021 އާ ހަމަޔަށް ފަސްކުރިއެވެ.
މިގޮތުން، ކުލި ދައްކަނީ ތިން މަހުން އެއްމަހު ނަމަ ކުލި ދައްކަން ޖެހެނީ ޖޫން އިން ފެށިގެން ހަތަރު ކުއާޓާ އަށް (ޖޫން 2021، ސެޕްޓެންބަރު 2021، ޑިސެންބަރު 2021، މާރިޗު 2022) ބަހާލައިގެންނެވެ. އަދި ކުލި ދައްކަނީ މަހުން މަހުންނަމަ، ފަސްކޮށްދީފައިވާ މުއްދަތުގެ ކުލި ދައްކާނީ 1 ޖޫން 2021 އިން ފެށިގެން 12 މަސް ދުވަހަށް ބަހާލައިގެންނެވެ.
އެހެން ކަމުން ރިސޯޓު ތަކުގެ ބިމުކުލީގެ ގޮތުގައި ފާއިތުވި އަހަރުގެ ހަތަރުވަނަ ކުއާޓާގައި މީރާއަށް ލިބެން ޖެހޭ 264 މިލިއަން ފިޔަވާ އެހެން ހުރިހާ ކުއްޔެއް ދެއްކުމުގެ ސުންގަޑި ވަނީ މިދިޔަ ޑިސެމްބަރު މަހު 31 އަށް ހަމަވެފައެވެ.
މީރާއިން ހާމަކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރިސޯޓުތަކުގެ ބިމުކުލީގެ ގޮތުގައި މިދިޔަ އަހަރު މީރާއަށް ލިބިފައިވަނީ ދެ ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. އަދި މި އަހަރުގެ ފުރަތަމަ ހަފުތާގައި ވެސް ރިސޯޓުތަކުގެ ބިމުކުލީގެ ގޮތުގައި 53 މިލިއަން ރުފިޔާގެ އާމްދަނީއެއް މީރާއަށް ލިބުނެވެ.
މި އަހަރަށް އާންމުކުރި މީރާގެ "ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭން" ގެ ދަށުން ޓެކްސް ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅައިގެން ވިޔަސް އެ ފައިސާ ހޯދަން މީރާއިން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު