ރިސޯޓު ތަރައްގީކުރަން މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުވާލި 18 ރަށަށް ހުށަހަޅަން ޖެހޭ އެންމެ ދަށް އަގު, ޓޫރިޒަމް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.
އިންވެސްޓަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން އެ މިނިސްޓްރީން މިއަދު އާންމުކުރި ބިޑް ޑޮކިއުމަންޓުގައިވާ ގޮތުން, އާ ރަށްތަކަށް ހުށަހަޅަން ޖެހޭ އެންމެ ދަށް އަގުތައް ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. އަދި އެރަށްތަކުގެ މަސައްކަތް ތިން އަހަރު ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
އަގުތައް ދަށްކުރަން ނިންމި އިރު, ބޮޑެތި އަގުތަކެއްގައި ވިއްކަން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި ހުޅުވާލި 23 ރަށުގެ ތެރެއިން ވިކުނީ އެންމެ ރަށެކެވެ.
އަލަށް ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އިކުއިޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށްވެގެން 1.5 މިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަންޖެހޭ އިރު, އެ ލިސްޓުގައި އެއް މިލިއަނަށްވުރެ މަތީ އަގެއް ހުށަހަޅަން ދެން އޮތީ ދެ ރަށެކެވެ. އެއީ ށ. ކުޑަޅައިމެންދޫ އާއި ގއ. މާރެހާ އެވެ. އެ ދެރަށުގެ ތެރެއިން ކުޑަޅައިމެންދޫއަށް އެންމެ ދަށްވެގެން ހުށަހަޅަން ޖެހެނީ އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އެވެ. އަދި މާރެހާއަށް ހުށަހަޅަން ޖެހެނީ 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) އެވެ.
އެންމެ ކުޑަ އަގެއްގައި ދޫކުރަނީ ހދ. ކުޑަފަރުފަސްގަނޑެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓަކީ ދެ ލައްކަ ޑޮލަރު (ތިން މިލިއަން ރުފިޔާ) އެވެ. ގިނަ ރަށްތަކުގެ އަގު ޖުމުލަކޮށް އުޅެނީ ފަސް ލައްކައާއި އަށް ލައްކަ ޑޮލަރާ ދެމެދުގެ އަގުތަކުގައެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި