އެކިފަރާތްތަކުން ސިޔާސީ ހަރަކާތްތައް ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާއަށް ވައްދަން މަސައްކަތް ކުރާކަމަށާއި އެކަން ކުށްވެރިކުރައްވާކަމަށް ރައީސުލް ޖުމްހޫރިިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ސަރުކާރުން އަލަށް ފަށާ ސެޓެލައިޓް ސްކޫލު އިފްތިތާހުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނައިބުރައީސް ވިދާޅުވީ ތައުލީމީ ނިޒާމާ ސިއްހީ ނިޒާމު ހަރުދާނަކޮށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށާއި ރާއްޖޭގެ ސްކޫލުތަކުގެ މުޖުތަމައުގައި ތިބީ ދިވެހި ދަރީންކަމަށެވެ. އަދި ބައެއްފަރާތްތަކުން ސިޔާސީ ހަރާކާތްތައް ސްކޫލްތަކަށް ވައްދަން މަސައްކަތް ކުރާ ކަމަށާއި ތައުލީމީ ދާއިރާއާއި ސިއްހީދާއިރާއަށް ސިޔާސީ ބޭނުމުގައި ހިންގާ ހަރަކާތްތައް ނުވައްދަން އެ ހަރަކާތްތައް ހިންގާ ފަރާތްތަކަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ސިޔާސީ ހަރަކާތްތައް ސްކޫލުތަކަށް ވައްދަން ކުރާ މަސައްކަތްތައް ކުށްވެރިކުރަން" ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ ށ. ފުނަދޫ ސްކޫލު ވަށާ ފާރުގައި "އިންޑިއާ އައުޓް" ޖަހާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވަނިކޮށެވެ.

އިދިކޮޅު ޕީޕީއެމުން އިސްނަގައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން އިންޑިއާގެ ޓީޗަރުންގެ ސަލާމަތަށް ހުރަސްއެޅޭ ކަމަށް ބުނެ، އެޑިއުކޭޝަން މިނިސްޓްރީންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، މި ފަހަކަށް އައިސް، ރާއްޖޭގެ އެކި ހިސާބުތަކުގައި ސިޔާސީ ވާދަވެރިން އިސްވެ ތިބެ ހިންގަމުންގެންދާ "އިންޑިއާ-އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލް މަދުރަސާތަކާއި ދަރިވަރުން އެއްވެ އުޅޭ ތަންތަނުގައި ބެނާތައް ހަރުކުރުމާއި ސްކޫލް ފާރުތަކުގައި އެ އިބާރާތް ބޭނުންކޮށް ގްރެފިޓީގެ ގޮތުގައި ލިޔެ، ކުރަހަމުން ގެންދިއުމާއި އިންޑިއާ ޓީޗަރުންނަށް ބޭރުތެރެއިން ފުރައްސާރަކުރުން އިތުރުވެފައިވާ ކަމަށެވެ.