ޚަބަރު

ފެންނަމުން މިދަނީ އޭސީސީއަށް މެންބަރުން އަޔަންކުރުން ލަސްކުރަން ކުރެވުނުހާ ކަމެއް ކުރާތަން: އުޝާމް

އިބްރާހިމް ޒަކީ

އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެންބަރުން ވަކިކުރަންވީމަ ދައުރުން ބޭރުން މަޖިލިސް ޖަލްސާތައްވެސް ބޭއްވި ކަމަށާއި ނަމަވެސް އޭސީސީއަށް މެންބަރުން އައްޔަންކުރަންވީމަ މި އެކަން ލަސްކުރަން ކުރެވުނުހާ ކަމެއް ކުރާތަން މިހާރު ފެންނަ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނާއިބު ރައީސް އަދި ވިލިމާލެ ދާއިރާ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިހެން ވިދާޅުވީ، ހުރިހާ މެންބަރުން އިސްތިއުފާ ދެއްވުމުން ގާނޫނީ ހުސްކަމެއްގައި ހާރު އޮތް އޭސީސީގެ މެންބަރުކަމަށް ކުރިމަތި ލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލި މުއްދަތު މިއަދަށް ހަމަވާން އޮއްވައި، އެ މުއްދަތު އިއްޔެ އިތުރު ކުރުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭސީސީ ފަދަ މުހިންމު މުއައްސަސާއެއް ގާނޫނީ ހުސްކަމެއްގެ ތެރޭގައި މިހާގިނަ ދުވަސް ވަންދެން ބޭއްވުމަކީ ވަރަށް ސީރިއަސް މައްސަލައެއް ކަމަށެވެ.

އުޝާމް މިހެން ވިދާޅުވިއިރު، މީގެ ކުރިން އޭސީސީގައި ތިއްބެވި ހުރިހާ މެންބަރުން ވަކި ކުރުމަށް މަޖިލިސް ޗުއްޓީ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ހުށަހެޅުމުން، އެ ބޭފުޅުން އޭސީސީން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އެ މައްސަލަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވުމުން، ހުސްވި ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ދައުރުން ބޭރު މަޖިލިސް ޖަލްސާއެއް ބާއްވައި އެމީހުން ވަކިކުރުން ކުރިއަށް ގެންދަން ނިންމެވިއެވެ.

އެކަމަށް ޓަކައި ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުގެ 31 މެންބަރަކު އެކަމަށް ޓަކައި މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ދިނުމަށް އެދިވަޑައިގެން މަޖިލީހުގެ ރައީސަށް ހުށަހެޅުއްވުމުންނެވެ. އެކަމަށް އެދިވަޑައިގެން ހުށަހެޅުއްވި ހުރިހާ މެންބަރުންނަކީވެސް އެމްޑީޕީގެ މެންބަރުންނެވެ.

އެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ފެށުމުން އޭސީސީގައި އޭރު ތިއްބެވި ހުރިހާ މެންބަރުން އެކި ދުވަސްމަތިން އިސްތިއުފާ ދެއްވިއެވެ.

އޭރު އޭސީސީގައި ތިއްބެވީ، އެކޮމިޝަންގެ ރައީސް ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާ އާއި މެންބަރުން ކަމަށްވާ އާއިޝަތު އަބުދުﷲ އާއި އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފެވެ.

އޭސީސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު އިތުރު ކޮށްފައި ވަނީ މިމަހު 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ، އޭސީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ކަމަށެވެ.