މުނިފޫހިފިލުވުން

ކެޕްޓަންކަމުން ދުރުވާން ނިންމުމާއެކު ވިރާތު ކޯލީ އަށް އަންހެނުން އަނުޝްކާގެ އަސަރުގަދަ ސިޓީއެއް

އިންޑިއާގެ ފިރިހެން ޓެސްޓް ކްރިކެޓް ޓީމުގެ ކެޕްޓަންގެ މަގާމުން ވިރާތު ކޯލީ ފަހަތަށް ޖެހި ޓީމުގެ ކެޕްޓަން ކަން ދޫކޮށްލިކަން އިއުލާނު ކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ. އުމުރުން 33 އަހަރުގެ ވިރާތު ކޯލީގެ މި ނިންމުމާއެކު ގިނަބަޔަކަށް ވަނީ ހައިރާންކަން ގެނުވައިފައެވެ. ކެޕްޓަންކަން ދޫކޮށްލުމަށްފަހު އޭނާކުރި އިންސްޓަގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ކަމަކަށްވެސް ނިމުމެއް އަންނާނެކަމަށެވެ.

ވިރާތުގެ މި ނިންމުމާއެކު އޭނާގެ އަންހެނުން ބަތަލާ އަނުޝްކާ ޝަރްމާ ވަނީ ލޯބިން ފުރިގެންވީ ސިޓީއެއް ފިރިމީހާއަށް ހާއްސަކޮށް ޕޯސްޓުކޮށްފައެވެ. ވިރާތުގެ ފޮޓޯއަކާއެކު އޭނާ ކުރި ޕޯސްޓުގައި ވަނީ ފިރިމީހާ ވިރާތަށް ޓަކައި ފަހުރުވެރިވާކަން ހާމަކޮށްފައެވެ. އެ ޕޯސްޓުގައި އަނުޝްކާ ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި ކުރީގެ ކެޕްޓަން އެމްއެސް ރިޓަޔާ ކުރުމާއެކު ވިރާތު ކޯލީއަށް ކެޕްޓަންކަން ލިބުނު ދުވަހުގެ ހަނދާން އާކޮށްފައެވެ.

އެދުވަހު ކެޕްޓަންކަން ލިބުމާއެކު އެމް އެސް އާއި ވިރާތު އަދި އަނުޝްކާ ތިން މީހުންގެ މެދުގައި ދެކެވުނު ވާހަކައެއް ހިއްސާކޮށް ވިރާތުގެ ތުނބުޅީގައި ވަރަށް އަވަހަށް ނުރަ ޖަހަން ފަށައިފާނެކަމަށް ބުނެ އެމްއެސް މަޖަލަކަށް ބުނި ވާހަކަ އަނުޝްކާ ވަނީ ހަނދާނަށް ގެނެސްފައެވެ. އަނުޝްކާގެ ޕޯސްޓުގައި ބުނެފައިވަނީ އެކަމާ ތިން މީހުންވެސް ހީނ ސަމާސާ ކުރިކަމަށާއި ނަމަވެސް އެދުވަހަށްފަހު މިއަދާއި ހަމައަށް އައިއިރު ވިރާތުގެ ތުނބުޅި ނުރަ ވުމަށްވުރެ ބޮޑަށް ފާހަގަކުރެވުނީ އަމިއްލަ ނަފުސަށާއި ވަށައިގެންވާ ކަންކަމަށް ވިރާތު ގެނައި ކުރިއެރުން ކަމަށެވެ. އޭނާގެ ލީޑަޝިޕްގެ ދަށުން މިހާތަނަށް ޓީމަށް ހޯދައިދިން ކާމިޔާބީތަކާމެދު ފަހުރުވެރިވާ ކަމަށާއި އެހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަމިއްލަ ނަފުސަށް ގެނައި ކުރިއެރުންތަކާމެދު އޭނާއަށް ޓަކައި ފަހުރުވެރިވާކަމަށް ބުނެ އަނުޝްކާ ވަނީ ފިރިމީހާއަށް ތައުރީފު ކޮށްފައެވެ.

ފިރިމީހާއަށްޓަކައި އަނުޝްކާގެ ހިތުގައި އޮތް ލޯބި ފެނި އަނުޝްކާގެ މި ޕޯސްޓު ގިނަބަޔަކަށް ވަނީ ކަމުގޮސްފައެވެ. މީގެންވެސް ފިރިމީހާއަށް ހިތްވަރު ދިނުމުގެ ފަހަތުގައި އަނުޝްކާ ހުރިކަން އެނގިގެންދާ ކަމަށް ބުނެ ގިނަބަޔަކު އަންނަނީ އޭނާގެ މި ޕޯސްޓަށް ކޮމެންޓު ކުރަމުންނެވެ.

އަނުޝްކާގެ ކުރިޔަށް ހުރި މަސައްކަތްތަކަށް ބަލާއިރު ބޮޑު ބްރޭކަކަށްފަހު އޭނާ ފެނިގެންދާ ފިލްމު ''ޗަކްދާ އެކްސްޕްރެސް''ގެ ޓްރައިލާ ވަނީ ވަރަށް ފަހުން އާއްމުކޮށްފައެވެ. އަންހެން ކްރިކެޓް ކުޅުންތެރިޔާ ޖުލާން ގޯސްވާމީގެ ހަޔާތުގެ މައްޗަށް ގެނެސްދޭ ފިލްމުގެ ޓީޒާގައި އަނުޝްކާ ވަނީ ޖުލާންގެ ކެރެކްޓާގައި ކްރިކެޓް ޖާޒީގައި ފެނިގެން ގޮސްފައެވެ.