ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަންޖައްސަން ގޮވާލައި އިދިކޮޅު ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ކުރި ޓުވީޓުގެ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.
ޒާހިދު އިއްޔެ ހެނދުނު ކުރި ޓުވީޓެއްގައި ބުނީ، ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގައުމަށް ގައްދާރުވުމުން ހުކުމްކުރަނީ މަރަން ކަމަށެވެ. ޓުވީޓުގައި އިތުރަށް ބުނީ، ދެން އަންނަ ވެރިކަމެއްގައި ދެކެން ބޭނުންވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ރާއްޖޭގެ ގާނޫނުތައް ބަދަލުކޮށް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށް، ރައީސް ސޯލިހު ދަން ޖެއްސުން ކަމަށެވެ.
"ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގައުމަށް ގައްދާރު ވީމަ ހުކުމަކީ މަރުގެ ހުކުމް، އަހަރެން ދެކެން ބޭނުންވަނީ ދެން އަންނަ ވެރިކަމެއްގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް ދިވެހިރާއްޖޭގެ ގާނޫނުތައް ބަދަލު ކުރެވި ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކޮށް ރައީސް ސޯލިހު ދަންޖެއްސުން" ޒަހީދު ޓުވީޓުގައި ބުންޏެވެ.
އޭނާގެ އެ ޓުވީޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އަދި ފުލުހުންނަށް އެ ޓުވީޓުގެ މައްސަލަ ބެލުމަށް އަންނަނީ ގޮވާލަމުންނެވެ.
ގިނަ ބަޔަކު އެ ޓުވީޓުގެ މައްސަލަ ބަލަން ގޮވާލާފައިވަނިކޮށް ރޭ ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެއެވެ.
ޒާހިދުއަކީ މީގެ ކުރިން ބްލޮގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން މަރު ކޮމިޝަނަށް ވެސް ހާޒިރުކޮށްފައިވާ މީހެކެވެ. އަދި ޔާމީނުގެ މަރުގެ މައްސަލައިގެ ދައުވާ ލިބޭ މީހުން ވަނީ ޒާހިދުގެ ނަން ދިފާއީ ހެއްކެއްގެ ގޮތުގައި ވެސް ހުށަހަޅައިފައެވެ. އެ މައްސަލައިގައި އޭނާ އޭރު ކޯޓަށް ހާޒިރު ނުކުރެވުނީ ކޯޓު އަމުރު ރައްދު ނުކުރެވުމުގެ ސަބަބުންނެވެ.