ޚަބަރު

ގެއްލުނު ފަތުރުވެރިޔާގެ ހަށިގަނޑު ކަނޑުގެ 15 މީޓަރު އަޑިން ނަގައިފި

ރިފާ ހަލީލު

އދ. މަންދޫ ކައިރިއަށް އިއްޔެެ ޑައިވިނަށް ދިޔަ ފަތުރުވެރިޔާ ގެއްލިގެން ހޯދަމުންދަނިކޮށް ކަނޑުގެ 15 މީޓަރު އަޑިން އޭނާގެ ހަށިގަނޑު ފެނިއްޖެ އެެވެ.

އެމްއެންޑީއެފުން ބުނީ "ގޮމަ" ނަމަކަށް ކިޔާ ޑައިވިން ދޯންޏަކުން މަންދޫ ކައިރި ފަރަކަށް ޑައިވިނަށް ފޭބި ފަތުރުވެރިންތަކެއްގެ ތެރެއިން 69 އަހަރުގެ ފަތުރުވެރިޔާ ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު އޭނާގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ފަތުރުވެރިޔާގެ ހަށިގަނޑު ފެނުނީ މިއަދު ހަވީރު 3:15 ހާއިރު ކަމަށެެވެ. އަދި އޭނާގެ ހަށިގަނޑު ފެނުނީ އެމްއެންޑީއެފް ޑައިވަރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނިކޮށް ކަނޑުގެ 15 މީޓަރު އަޑިން ކަމަށްވެސް ބުންޏެވެ.

ދާދިފަހުން ބޯވަ ނަގަން އުޅުމުގެ ތެރޭގައްޔާއި ދޯންޏެއް އަޑިއަށް ގޮސްގެން ދެ ދިވެހިން ވަނީ ގެއްލިފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަސްވަންދެން ކުރިއަށް ގެންދިޔަ ނަމަވެސް އެމީހުން ފެނިފައެއްނުވެ އެވެ. އެހެންކަމުން އެމްއެންޑީއެފުން ވަނީ އެމީހުން ހޯދުމުގެ މަސައްކަތް ހުއްޓާލާފަ އެވެ.