ޚަބަރު

އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ރިފާ ހަލީލު

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އޭސީސީގެ މެންބަރުކަމަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލާފައި މި ވަނީ އެ ކޮމިޝަނުގެ ފަސް މެންބަރުން އިސްތިއުފާ ދީފައިވާތީ އެވެ.

އެންމެ ފުރަތަމަ މި މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ބުނީ މި ފުރުސަތު މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

އޭސީސީގެ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 30 އަދި 31 ވަނަ ދުވަހު ހެނދުނު 9:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. އަދި، އެ އޮފީހުގެ ވެބްސައިޓް presidency.mv އިން ފޯމާއި އިގުރާރު ޑައުންލޯޑް ކުރެއްވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އޭސީސީގައި އޭރު ތިއްބެވި ފަސް މެންބަރުން ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ވަކި ކުރުމަށް އެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން އެ ހުރިހާ މެންބަރުން ވަނީ އިސްތިއުފާ ދެއްވާފަ އެވެ.