ޚަބަރު

އަފްޒަލް ގެނބިގެން މަރުވި ހާދިސާއާ ގުޅިގެން ސައުދުﷲ އަށް ކުރި ދައުވާ ސާބިތެއް ނުވި

އިބްރާހިމް ޒަކީ

މ.ލަކްސްގާޑަން ހުސެއިން އަފްޒަލް މޫދަށް ވެއްޓި ގެނބިގެން މަރުވި ހާދިސާގައި، ލ.ދަނބިދޫ ދޯދި ސައުދުﷲ ރަޝީދުގެ މައްޗަށް ކުރި، އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެެވެ.

މި މައްސަަލައަކީ 21 ޖެނުއަރީ 2010 ވަނަ ދުވަހުގެރޭ ވިލިމާލެ އާއި މާލެއާ ދޭތެރޭ އަޅާފައި އޮތް "ތިޔާ ސަފާރީ"ގެ ފަޅުވެރީން ނަގިއްޔެއް ލުމަށްޓަކައި ވަލެއްގެ އެއްކޮޅު ސަފާރީގައި އައްސާފައި އަނެއްކޮޅު ނަގިއްޔެއްގައި އައްސައިގެން އެ ސަފާރީގެ ޑީންގީއަށް އެ ނަގިލި އަރުވައިގެން ދަނިކޮށް، ބާރު ސްޕީޑުގައި ސައުދުﷲ ދުއްވަމުންދިޔަ "ހެވީ ސްޕީޑް 2" ލޯންޗު ގޮސް ނަގިލި އައްސާފައި އޮތް ވަލުގައި އަޅައިގަތުމުގެ ސަބަބުން، ނަގިލި އަރުވައިގެންދިޔަ ޑީންގީއަށް އެރި ލޮޅުމުގައި ޑީންގީގައި ހުރި ހުސެއިން އަފްޒަލް މޫދަށް ވެއްޓި ގެނބުމުގެ ސަބަބުން އޭނާ މަރުވެފައިވާތީ ސައުދުﷲގެ މައްޗަށް ދައުލަތުން ކުރި ދައުވާ އެކެވެ.

މި މައްސަލައިގައި ސައުދުﷲއާ ދެކޮޅަށް ހެކި ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ، އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައި ވަނީ ކަނޑު ދަތުރު ކުރާ އުޅަނދުފަހަރާބެހޭ ގަވާއިދާ ހިލާފުވެފައިވާތީ ކަމަށެވެ.

އެގޮތުން ކަނޑުދަތުރުކުރާ އުޅަނދު ފަހަރާ ބެހޭ ގަވާއިދުގައި މާލެ ސަރަހައްދު މާނަކޮށްދިނުމަށްފަހު ރޭގަނޑު 6:30 އިން ފަތިހު 5:30 އާ ދެމެދު 10 މޭލު ބާރުމިނުގައި ދުއްވައިގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، ދުއްވާފައިދާ އުޅަނދުގެ ރާޅުގެ ސަބަބުން، އަޅާފައި ނުވަތަ ދުއްވާފައިދާ އުޅަނދުތަކަށް، ގެއްލުންދޭ ހިސާބަށް ކައިރިކޮށްގެން ނުވާނެ ކަމަށާއި، ކޮންމެހެން ކައިރި ކުރަން ޖެހިއްޖެ ނަމަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ އެކަށީގެންވާ މިންވަރަށް ދުވެލި މަޑުކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފިވާ ކަމަށް ބުނެފައިވާ ކަމަށްވެސް ވަކީލު ވިދާޅުވެފައިވެއެވެ.

އެހެންކަމުން ސައުދުﷲ ކަނޑު ދަތުރު ކުރާ އުޅަނދުފަހަރާ ބެހޭ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

މި މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ކުރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ، ސއުދުﷲ އެ ދައުވާއަށް އިންކާރު ކޮށްފައިވާތީ އާއި ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއަށް ޝަރީއަތުން ނަޒަރުކޮށް ބެލިއިރު، މި މައްސަލައިގައި ސައުދުﷲ ލޯންޗު ދުއްވީ ގަވާއިދުގައި ބަޔާންކޮށްފައިވާ މިންވަރަށްވުރެން ބާރު ސްޕީޑުގައިކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަރުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގައި ސައުދުﷲ ލޯންޗު ދުއްވާފައި ވަނީ އެކަށީގެންވާ ވަރަށް ނުބަލައި ފަރުވާ ކުޑަކޮށްކަން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ސާބިތު ނުވާތީ އޭނާގެ މައްޗަށް ދައުލަތުން ހުށަހެޅި ކުށުގެ ދައުވާ ގާނޫނުއަސާސީގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތު ނުވާކަމަށް ކަނޑައަޅައި ހުކުމް ކުރާ ކަމަށްވެސް އެ ހުކުމުގައި ވެއެވެ.