ކުޅިވަރު

ކުޓީނިއޯގެ އެނބުރި އައުމާއެކު ޔުނައިޓެޑް މާޔޫސް ކޮށްލައިފި

މުޙައްމަދު ޝަމްޢޫން

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ބްރެޒިލްގެ ފިލިޕް ކުޓީނިއޯގެ ތަފާތު ކުޅުމާއެކު އެސްޓޮން ވިލާއިން ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑާ އެއްވަރު ވެފައެވެ.

ރޭ ވިލާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ޔުނައިޓެޑުން މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ހަމަޖެހިލި ނަމަވެސް މެޗަށް ނުކުތް ކުޓީނިއޯގެ ތަފާތުން މެޗުގެ ތިން ޕޮއިންޓު ޔުނައިޓެޑަށް ގެއްލިގެން ދިޔައެވެ. ރޭގެ މެޗަކީ ބާސެލޯނާއިން ލޯން އެއްބަސްވުމެއްގެ ދަށުން ވިލާއަށް ބަދަލުވެ، ކުޓީނިއޯ ނުކުތް ފުރަތަމަ މެޗެވެ. ރޭގެ މެޗަކީ 2018 ވަނަ އަހަރު ލިވަޕޫލް ދޫކޮށް ބާސާއަށް ދިޔަފަހުން ކުޓީނިއޯ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. ރޭގެ މެޗަށް އޭނާ ނުކުތީ 68 ވަނަ މިނެޓުގައެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނުކުތީ އަނިޔާގައި ތިބި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި މާކަސް ރެޝްފޯޑުވެސް ނުލައެވެ. މެޗުގެ ކުރީކޮޅުގައި ޔުނައިޓެޑުން މެޗު ޑޮމިނޭޓް ކޮށް ކުޅުނު އިރު، އެޓީމުން ފުރަތަމަ ލީޑު ނެގީ ހިލޭ ޖެހުމެއްގެ އެހީގައެވެ. މެޗުގެ ހަ ވަނަ މިނިޓްގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ޕާސް ކޮށްލި ބޯޅަ، ފެނާންޑޭސް ދުރުން ޖެހުމުން ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒްއާ ދިމާލަށް ދިޔަ ނަމަވެސް ގޯލަށް ބޯޅަ ވަނީ އަތު ތެރެއިން ކައްސާލައިގެން ގޮސްގެންނެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފުގައި ދެއްކި ކުޅުން ދެވަނަ ހާފުގައި ތަކުރާރުކުރަން އުނދަގޫވެ، ވިލާއިން ހަމަލާތައް ގިނަކުރިއެވެ. ވިލާގެ ނުރައްތާތެރި ގިނަ ހަމަލާތަކެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށް ބޭރުކޮށްލައިފައެވެ. ވިލާއިން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލަކަށް މަސައްކަތް ކުރަނިކޮށް ޔުނައިޓެޑަށް ލިބުނު ހަނި ފުރުސަތަކުން ފެނާންޑޭޒް ވަނީ އެޓީމަށް ދެވަނަ ގޯލެއްވެސް ޖަހައިދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ޔުނައިޓެޑުން މޮޅުވާން ދަނިކޮށް ވިލާއިން ހިތްވަރު އާކުރީ 77 ވަނަ މިނެޓުގައި ގޯލު ޖަހައިގެންނެވެ. ޖޭކަބް ރާމްސީ ގޯލު ޖެހީ ކުޓީނިއޯ ތަނަވަސްކުރި އެޓޭކެއްގައެވެ. އޭގެ ހަތަރު މިނިޓް ފަހުން ރާމްސީ ދިން ބޯޅައަކުން ކުޓީނިއޯ ވަނީ ގޯލެއް ޖަހައި އެސްޓަން ވިލާ އަށް އެއްވަރުކޮށްދީފައެވެ.

މެޗުން އެއްވަރުވެ ޔުނައިޓެޑް މިވަގުތު އޮތީ ލީގު ތާވަލުގެ ހަތް ވަނައިގައެވެ. އެޓީމަށް 20 މެޗުން 32 ޕޮއިންޓް ލިބިފައިވާ އިރު، ހަ ވަނައިގައި އޮތް ޓޮޓެންހަމްއަށް 18 މެޗުން 33 ޕޮއިންޓް ލިބިފައިވެއެވެ. ފަސް ވަނައިގައި 20 މެޗުން 35 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު، މާދަމާރޭ އާސެނަލްއާއި ޓޮޓެންހަމް ކުޅެން އޮތް މެޗު ވަނީ އާސެނަލުން އެދިގެން ފަސްކޮށްފައެވެ.

ހަތަރު ވަނައިގައި އޮތް ވެސްޓް ހަމް ޔުނައިޓެޑަށް 21 މެޗުން 37 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ލީޑްސް ޔުނައިޓެޑް ބަލިކޮށް އެ މަގާމުގައި ލީޑެއް ނެގުމުގެ ފުރުސަތު ވެސްޓްހަމް އަށް އޮތީ ފަހިވެފައެވެ.