މަސްތުގެ ހާލަތުގައި ގެޔަކަށް ވަދެ އަންހެނަކު ރޭޕް ކުރި މައްސަލައިގައި ބަންދު ކުރި ޏ.ފުވައްމުލަކު ފައިން، އަހުމަދު ޒައިން ދޫކޮށްލުމަށް ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލު ކޮށްފިއެވެ.
މި މައްސަަލައަކީ ހުސްވި 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުގެރޭ ދަންވަރު، މަސްތުގެ ހާލަތުގައި ފުވައްމުލަކު ގެޔަކަށް ވަދެ އަންހެނަކު ރޭޕް ކޮށްގެން ޒައިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދު ކުރި މައްސަލައެކެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ސީނަށް ދިޔަ ފުލުހުން އޭނާ ހައްޔަރު ކުރީ ބަރަހަނާ ހާލުގައި ނިދާފައި އޮއްވައި ކުށުގެ ވެށީން ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނާތީ އާއި ހެކިބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވައިފާނެ ކަމަށް ބެލެވޭތީ، އެ މައްސަލައިގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް ފުލުހުން އެދުމުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރު ކުރިއެވެ. އެ މުއްދަތު ހަމަވާތީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުލުހުން ކޯޓަށް ހުށަހެޅުމުން އިތުރު 15 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރިއެވެ.
ނަމަވެސް ތިންވަނަ ފަހަރަށް އޭނާ ބަންދުކޮށްދިނުމަށް ހުށަހެޅުމުން، ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުކުރިއެވެ.
އޭނާ ދޫކޮށްލުމަށް ކޮށްފައިވާ ޝަރުތު ތަކުގެ ތެރޭގައި ހިމެނެނީ، އަނިޔާ ލިބުނު ފަރާތް ދިރިއުޅޭ ސަރަހައްދަށާއި އެގެ ހުންނަ ސަރަޙައްދަށް ނުދިއުމާއި، އެއްވެސް ވަސީލަތެއް އަދި މީހަކު މެދުވެރިކޮށްވެސް އަނިޔާ ލިބުނު ފަރާތާ މުއާމަލާތް ނުކުރުމަށެވެ.
ނަމަވެސް ފުވައްމުލަކު މެޖިސްޓްރޭޓުގެ އެ ކޯޓު އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފު އަމުރެއް ކަމަށް ކަނޑައަޅުއްވައިދެއްވުމަށާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން، އެ މައްސަލައިގައި ތުހުމަތުކުރެވޭ ޒައިން، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
އެ މައްސަލަ ބެލުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ނެރުނު ކޯޓު އަމުރުން އަހުމަދު ޒައިން ބަންދުން ދޫކޮށްލުމަށް ނިންމާފައިވާ ނިންމުން ބާތިލުކުރާ ކަމަށެވެ. އަދި ޒައިންގެ ބަންދާމެދު ގޮތެއް ނިންމުމަށް އެދި ޕްރޮސިކިއުޓާޖެނެރަލްގެ އޮފީހުން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފިނަމަ، ގަޒިއްޔާގައި ފާހަގަ ކުރެވިފައިވާ ކަންކަމުގެ އަލީގައި ޒައިންގެ ބަންދާމެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ހުކުމްގައި ކަނޑައަޅާފައިވެއެވެ.