ށ. ކޮމަންޑުއާއި އެރަށާއި އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.
ދެ ކޮމަންޑޫ ގުޅާލުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 249.9 މިލިއަން ރުފިޔާއަށް 730 ދުވަސްތެރޭ ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން ކޮމަންޑޫގައި 1،690 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ. އޭގެ އިތުރުން މަތިކޮމަންޑޫން 16.7 ހެކްޓަރުގެ ބިން ހިއްކައި 1،520 މީޓަރުގެ ބޮޑުހިލައިގެ ފައިކަނި އަދި 112 މީޓަރުގެ ޖިއޯބޭގް ތޮއްޓެއް ގާއިމުކުރާނެއެވެ.
އެ މަސައްކަތަށް ބޭނުންވާ އީއައިއޭއާއި މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ލިބިދާނެ އެހެން ގެއްލުންތައް ދެނެގަތުމުގެ ކަންކަންވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފައެވެ.
މިމަހުގެ ހަތް ވަނަ ދުވަހު ކޮމަންޑޫގައި ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ބޯހިޔާވަހިކަމުގެ ދާއިމީ ހައްލަކަށް ކޮމަންޑޫ އާއި މަތިކޮމަންޑޫ ގުޅައިލާނެ ކަމަށާއި އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ވިދާޅުވެފައެވެ.
ދެ ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު، އެ މަޝްރޫއު އިއުލާނުކުރެއްވީ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުގެ ކެމްޕޭން އިފްތިތާހުކުރަން މިދިޔަ ހަފުތާގެ ބަންދުގައި އެ ރަށަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ކެމްޕޭނު ޖަލްސާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު