ޚަބަރު

އަތޮޅުތެރޭގެ ކޮވިޑުގެ ހާލަތު ގޯސް، މިއަދުގެ މިހާތަނަށް 4 ރަށެއް މޮނިޓަރިން އަށް

މުހައްމަދު އިޝާން

އަތޮޅުތެރޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، މިއަދު އެކަނިވެސް ހަތަރު ރަށެއް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މޮނީޓަރިންގެ ހާލަތަށް މިއަދު ގެނެސްފައި ވަނީ، ށ. ފުނަދޫއާއި ބ. ދަރަވަންދޫގެ އިތުރުން ދ. ބަނޑިދޫ އަދި ލ. ގަމެވެ. މި ހަތަރު ރަށާ އެކު މިވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ އަދަދު ވަނީ 12 އަށް އަރައިފައެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި ތަފާސް ހިސާބަށް ބަލައި އިރު، އިއްޔެ އަތޮޅުތަކުން 249 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލޭ ސަރަހައްދުން އިއްޔެ ކޮވިޑަށް ޕޮޒިޓްވެފައި ވަނީ 413 މީހެކެވެ. އެއާއެކު ރާއްޖޭގައި ކޮވިޑު ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 100،451 އަށް އަރައިފިއެވެ.

ރާއްޖޭގައި އަނެއްކާވެސް ކޮވިޑު ކޭސްތައް އިތުރުވާން ފަށާފައި މިވަނީ އެޗްޕީއޭ އިން ބުނާ ގޮތުން، ކޮވިޑުގެ އާ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން ވޭރިއަންޓު ރާއްޖޭގައި ފެތުރެމުންދާތީއެވެ. އެގޮތުން އަންނަ ފެބްރުއަރީ މަހު ކޮވިޑުގެ ކޭސްތަށް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.