އެމްޓީސީސީން މާލޭ ސަރަހައްދުގައި ދެމުން އަންނަ ބަހުގެ ހިދުމަތް ފުޅާކުރުމަށް އަންނަ އޮގަސްޓު މަހުގެ ކުރިން އިތުރު ބަސްތަކެއް ގެނެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ރޭ ވިދާޅުވީ، ގްރޭޓާ މާލޭ ސަރަހައްދުގެ ބަހުގެ ހިދުމަތް އެމްޓީސީސީއާ ހަވާލުކުރި ހިސާބުން އެކުންފުނިން މަސައްކަތްކުރަމުން ދަނީ ފުރިހަމަ ބަހުގެ ހިދުމަތެއް ދިނުމަށް ކަމަށެވެ. ނަމަވެސް މިހާރު ހުރި ބަސްތަކަކީ ވަރަށް ބޮޑަށް ބާވެފައިވާ ބަސްތަކެއް ކަމަށާއި އެކަމުގެ ސަބަބުން އެކަށީގެންވާ ހިދުމަތެއް ނުދެވޭ ކަމަށް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވައްސަކީ ކުރިއަށް އޮތްތަނުގައި ބޮޑު އާބާދީއެއް ދިރިއުޅޭނެ ތަނަކަށްވާތީ އެތަނަށް ބަހުގެ ހިދުމަތް ފުޅާކުރުމަށް އާ ބަސްތަކެއް އޮގަސްޓުގެ ކުރިން ގެންނާނެ ކަމަށެެވެ.
"މިއަހަރުގެ އޮގަސްޓުގެ ކުރިން އަޅުގަނޑުމެން މި ޓާގެޓްކުރަނީ ރަނގަޅު ބަހުގެ ހިދުމަތެއް ދިނުމަށްޓަކައި އާ ބަސްތައް އަންނާނެ. އައިސްގެން އެތަނުން ރަނގަޅު ހިދުމަތްތައް ލިބިގެންދާނެ،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާލޭ ސަރަހައްދުގެ އިތުރުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ އިތުރުން ލާމު ގަމުގައިވެސް އޮގަސްޓުގެ ކުރިން އެމްޓީސީސީން ބަހުގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ. އަދި އެމްޓީސީސީގެ އަމާޒަކީ ހަވާލުކުރެވިފައި ހުރި މަސައްކަތްތައް ވަގުތަށް ނިންމައި ރައްޔިތުންނަށް ހިނިތުންވުން ގެނެސްދިނުން ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު