ކޮވިޑު ވެކްސިންގެ ތިންވަނަ ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޖަހަން ފަށާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ބޫސްޓާ ޑޯޒް ވެކްސިން މިހާރު ޖަހަމުން ދަނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށް އެކަންޏެވެ. ބޫސްޓާ ޑޯޒް އެންމެނަށް ޖެހުމަށް މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލަން ނިންމި ނަމަވެސް ސިރިންޖު ލިބުމުގައި ދަތިތަކެއް އުޅެތީ، ބޫސްޓާ ޑޯޒް ޖެހުން ފަސްކުރިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ވަނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ހަ މަސްވެފައިވާ ފަރާތްތަކުގެ ތެރެއިން 18 އަހަރުންމަތީގެ ހުރިހާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބޫސްޓާ ޑޯޒް ޖަހައިދިނުމަށް ނިންމާފައިވާ ކަމަށެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ދޭން ނިންމާފައިވަނީ ފައިޒާ ވެކްސިނެވެ.

މާލެ ސަރަހައްދުގައި ބޫސްޓާ ޑޯޒް ވެކްސިން ޖެހުމަށްޓަކައި [book.hpa.gov.mv](https://book.hpa.gov.mv/) އިން އެޕޮއިންޓް ހެއްދޭނެއެވެ.

  • އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
  • ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
  • ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
  • ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުން
  • ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
  • ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން
  • ހުޅުމާލެ ހޮސްޕިޓަލް
  • ދަރުމަވަންތަ ހޮސްޕިޓަލް
  • ސެނަހިޔާ
  • ދަމަނަވެށި
  • ދަރުބާރުގެ
  • ވިލިމާލެ ހޮސްޕިޓަލް

ބޫސްޓާ ޑޯޒް ޖަހަން ބޭނުންވާ ފައިޒާ ވެކްސިންގެ 100،620 ޑޯޒް، ކޮވެކްސް ފެސިލިޓީގެ ދަށުން އެމެރިކާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި މިހާތަނަށް 368،465 މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 28،544 މީހުން ވަނީ ބޫސްޓާ ޑޯޒް ޖަހައިފައެވެ.