އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި، ޕީޕީއެމަށް ރާއްޖޭގެ ވެރިކަން ލިބިއްޖެނަމަ، ކޮމަންޑޫގެ ދެކުނުގައި އޮތް ދިގުވެލިދޫގައި އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ފަސްވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ މޫސާ ފަތުހީ އާދަމްގެ ކެމްޕެއިން ލޯންޗުކުރުމަށް ކޮމަންޑޫ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރުގައި ކަންކަން ކޮށްދެނީ އިންތިހާބުތަކާ ދިމާކޮށް ނޫން ކަމަށާއި ޕީޕީއެމްގެ ސަރުކާރުން ކަންކަން ކޮށްދީފައިވާނީ ރައްޔިތުންނަށް އެންމެ ބޭނުންވާ ވަގުތުތަކުގައި ކަމަށެވެ.
ކޮމަންޑޫ، މަރޮށީ އަދި ފޯކައިދޫ ހިމެނޭ ކޮމަންޑޫ ދާއިރާގައި އެމަނިކުފާނުގެ ވެރިކަމުގައި 500 މިލިއަން ރުފިޔާގެ އެކިއެކި މަޝްރޫއު ހިންގެވިކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކޮމަންޑުއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ފެއްޓެވީވެސް އެމަނިކުފާނުގެ ސަރުކާރުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، ޕީޕީއެމްގެ ސަރުކާރެއް ރައްޔިތުން އިންތިހާބުކޮށްދެއްވައިފިނަމަ، ކޮމަންޑޫ ދާއިރާއަށް ތަރައްގީގެ އެކި މަޝްރޫއުތައް ގެނެސްދެއްވާނެ ކަމަށާއި އެގޮތުން ދިގުވެލިދޫގައި ޒަމާނީ އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށެވެ.
"މިތާ ކައިރީގައި މިއޮތް ދިގުވެލިދުއަކީ ﷲގެ ރަހުމަތާއެކީ، ޕީޕީއެމްގެ ސަރުކާރެއްގައި ތިބޭފުޅުންނާ މާލެއާއި ރާއްޖޭގެ އެހެން ރަށްރަށާ ގާތްކޮށްދޭނެ ވައިގެ ބަނދަރެއް އޮންނާނެ ރަށެއްކަން ގަބޫލުކުރައްވާ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާއަކީ މަސްވެރި ދާއިރާއެއްކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ކޮމަންޑޫ ކައިރީގައި އޮތް ކީކިމިނި އަލުން އޮޕަރޭޝަނަށް ގެނެސް، އެ ސަރަހައްދުގައި މަސްވެރިކަން ކުރިއަރުވަން ޕީޕީއެމްގެ ސަރުކާރެއްގައި މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
ދިގުވެލިދޫގައި އެއާޕޯޓެއް އެޅިޔަސް އެ އެއާޕޯޓް އޮޕަރޭޓްކުރާ ކުންފުނި، އައިލެންޑް އޭވިއޭޝަން މިހާރު އޮތީ ފެނުއަޑީގައި ކަމަށާއި އެކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަކީ ރައްޔިތުންގެ އަތްމަތީގައި އޮތް ކަމެއް ކަމަށް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ ޕީޕީއެމްގެ ސަރުކާރަކަށެވެ.
ދިގުވެލިދޫއަކީ ކޮމަންޑޫގެ ދެކުނުން ކިކީމިންޏާ ދޭތެރޭގައި އޮންނަ 7.7 ހެކްޓަރުގެ ފަޅު ރަށެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު