ފުޓްބޯޅަ

ވަރުގަދަ މާޒިޔާ ބަލިކޮށް، ގްރީނުން ފައިނަލަށް ފުރުސަތު ފަހިކޮށްފި

ޕްރެސިޑެންޓްސް ކަޕްގެ ލީގު ބުރުގައި މިއަދު ކުޅުނު މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށް، ކްލަބު ގްރީން ސްޓްރީޓްސްއިން ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ.

މިއަދު ގައުމީ ދަނޑުގައި ގްރީންއިން މާޒިޔާގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ބައްޔަކީ މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުން ފެށިގެން މި ސީޒަންގެ ޕްރެސިޑެންޓްސް ކަޕްގެ މިހާތަނަށް މާޒިޔާއަށް ލޯކަލް މުބާރާތެއްގައި ކުރިމަތިވި ފުރަތަމަ ބައްޔެވެ. މިއަދުގެ މެޗަށް ނުކުތް އިރު، މާޒިޔާ ލީގު ބުރުގެ އެއްވަނައިގައި އޮތް ނަމަވެސް މިހާރު އެއްވަނައިގައި އޮތީ ގްރީންއެވެ.

އެއް ވަނައިގައި މިވަގުތު އޮތް ގްރީން ސްޓްރީޓްސް އާއި ދެ ވަނައިގައި އޮތް ވެލެންސިއާ އަދި ތިން ވަނައިގައި އޮތް މާޒިޔާއަށްވެސް މިހާތަނަށް 15 ޕޮއިންޓް ލިބިފައިވާ އިރު، ގްރީން އެއްވަނައަށް ޖެހިލީ ޖެހި ގޯލަށް ބަލައިގެންނެވެ. ވެލެންސިއާއާއި މާޒިޔާވެސް ފައިދާ 12 ގޯލުގައި އޮތް އިރު، މާޒިޔާ ތިންވަނައިގައި އޮތީ 15 ޕޮއިންޓާއެކު ފައިދާ 11 ގޯލުގައެވެ.

ގްރީން ސްޓްރީޓްސް އާއި މާޒިޔާ ލީގު ބުރުގައި މިހާތަނަށް ހަ މެޗު ކުޅުނު އިރު، ދެވަނައިގައި އޮތް ވެލެންސިއާ އަދި ކުޅުނީ ފަސް މެޗެވެ. ވެލެންސިއާ އިން މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ބަލިކޮށްފިނަމަ އެއްވަނައަށް އެރޭނެއެވެ. އެހެން ނަމަވެސް މިހާރު ގަދަ ތިނެއްގައި ޓީމުތައް އޮތް ގޮތުން ފައިނަލްގެ ޖާގަ ޓީމުތަކަށް ޔަގީންވާނީ ފަހު މެޗުތަކުންނެވެ.

ގްރީން ސްޓްރީޓްސް ފަހު މެޗުގައި އަންނަ ހަފުތާ ކުޅޭނީ އީގަލްސްއާ ދެކޮޅަށެވެ. މާޒިޔާއިން ފަހު މެޗުގައި ނުކުންނަން ޖެހޭނީ ވެލެންސިއާއާ ދެކޮޅަށެވެ.

މިއަދު މެޗުގެ ކުރިން ގްރީންގެ ކޯޗު އަލީ ނިސްތާރު ވަނީ މާޒިޔާ ބަލިކުރުމުގެ ޗެލެންޖަށް އޭނާ ތައްޔާރު ކަމަށް ބުނެފައެވެ. ނިސްތާރު ޕްރި މެޗު ޕްރެސްގައި ބުނީ "ބޮޑެތި ޓީމުތައް ބަލިކުރުމަކީ، އާ ކަމެއް ނޫން،" ކަމަށެވެ. މާޒިޔާގައި ގައުމީ ޓީމުގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ތިބި ނަމަވެސް އެ ޗެލެންޖަށް ގްރީންގެ ކުޅުންތެރިން ތައްޔާރު ކަމަށްވެސް ނިސްތާރު ވަނީ ބުނެފައެވެ. މެޗުގައި އެ މަންޒަރު ފެނުނުވެސް މެއެވެ. ގްރީން ފެނުނީ މަސައްކަތުގެ ރޭޓް މަތިކޮށެވެ.

ގްރީނުން މެޗުގެ ފުރަތަމަ 11 އަށް ޕާކިސްތާނުގެ ގޯލްކީޕަރު ސާގިބު ހަނީފް ނެރެފައިވާ އިރު، މިއީ މި ސީޒަންގައި ސާގިބު ގްރީންގެ ގޯލު ބެލެހެއްޓި ފުރަތަމަ މެޗެވެ. މެޗުގައި އޭނާގެ ހުނަރު ފެނިގެން ދިޔަވެސް މެއެވެ. ފުރަތަމަ 15 މިނެޓުގައި ދެޓީމު ހަމަހަމަކޮށް ދިޔަ އިރު، އޭގެ ފަހުން ފުރަތަމަ ކޮޅުގައި މާޒިޔާގެ އިބްރާހީމް ވަހީދު (އިއްބެ) އަށް ލިބުނު ފުރުސަތަކާއި ހަމްޒާ މުހައްމަދު (ހަމްޕު) ގެ ހަމަލާއެއް ނާކާމިޔާބުވި ތަން ފެނިގެން ދިޔައެވެ.

މާޒިޔާއިން ކުރިއަށް ޖެހި ހައި ލައިނެއްގައި ޑިފެންސް ކުރަމުން ދަނިކޮށް މެޗުގެ 24 ވަނަ މިނެޓުގައި ގްރީނުން ފުރަތަމަ ހަމަލާ އުފެއްދީ ކައުންޓާ އެޓޭކެއްގައެވެ. ކުއްލިއަކަށް މެދުތެރެއިން ބޯޅަ ހޯދައި، ހަސަން ނަޒީމް (ޗޯޓު) ދުއްވާލި ބޯޅައަށް ކުރިއަށް ޖެހި އެންހޭލް ކަރެސްކޯ މުނޯޒް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

އޭގެ ފަހުން މާޒިޔާގެ ކޯނެލިއަސް ސްޓެވާޓަށް ލިބުނު ފުރުސަތު އޭނާ ބޭކާރު ކޮށްލި އިރު، މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޗޯޓު ވަނީ ގްރީންއަށް ލީޑު ނަގައިދީފައެވެ. އޭރިއާ ތެރެއަށް މަތިމަތިން އައި ބޯޅަ ހޯދައި، ޗޯޓު ގޯލަށް ބޯޅަ ވައްދާލީ ފަސޭހަކަމާއެކު ތިރިތިރީންނެވެ. މިހާތަނަށް ޕްރެސިޑެންޓްސް ކަޕުގައި ޗޯޓުގެ ފޯމު ފާހަގަކޮށްލެވިފައިވާ އިރު، އޭނާ ވަނީ އެންމެފަހުން ގްރީނުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކްވެސް ހަދައިފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި އަނެއްކާވެސް ފެނުނީ މާޒިޔާގެ ނުރައްކަލެވެ. ކޯނޭ އަރިމަތިން ދެ ފަހަރަކަށް އޭރިއާ ތެރެއަށް ވަދެ ނަގައިދިން ހުރަސްތައް ނުރައްކާކޮށް ދިޔަ ނަމަވެސް އެ ހުރަސްތައް މާޒިޔާއަށް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ގްރީނުން ގޯލު ޖަހައި ލީޑު ފުޅާކުރިއެވެ. މެޗުގެ 49 ވަނަ މިނެޓުގައި ގްރީންގެ ދެވަނަ ގޯލު ޖެހީ އަލީ ޝާމިއުއެވެ. މުނޯޒް ނެގި ހުރަސް އޭރިއާ ތެރޭގައި ހުރެފައި އޭނާ އެއްފަހަރުން ގޯލަށް ފޮނުވާލުމުން މާ ބާރަށް ނުދިޔަ ނަމަވެސް މާޒިޔާގެ ގޯލްކީޕަރު ކިރަން ކުމާރު އަތުގައި ޖެހިފައި ގޯލަށް ވަނެވެ.

ދެ ގޯލުގެ ލީޑެއް ގްރީނުން ނެގުމުން މާޒިޔާ ކުރިއަށް ޖެހި ގޯލަކަށް ބުރަކޮށް މަސައްކަތް ކުރިއެވެ. ނާއިޒް ހަސަން (ދާދު)ގެ އިތުރުން އަސަދުﷲ އަބްދުﷲ (އަސައްކޮ)ވެސް ކުޅެން ނުކުމެ ނުރައްކާ ކުރި އިރު، އެޓީމުގެ ގިނަ ފުރުސަތުތަކެއް ބޭކާރުވެގެން ދިޔައެވެ. އައިޝަމްގެ ބާރު ދެ ހަމަލާއެއް ގޯލަށް އަމާޒުނުވެ ދިޔަ އިރު، އޭނާގެ ބާރު ހަމަލާއެއް ދަނޑީގައިވެސް ޖެހުނެވެ. އޭގެ އިތުރުން 72 ވަނަ މިނެޓުގައި އަސައްކޮ ބޮލުން ޖެހި ބޯޅައެއްވެސް ގޯލުގެ ދަނޑިއަށް އަމާޒުވިއެވެ. އެ ފަހުންވެސް ގްރީން އޭރިއާ ތެރެއަށް ހުރަސްތައް ނަގައި، މާޒިޔާއިން ގޯލަކަށް ކުރި މަސައްކަތްވީ ނާކާމިޔާބެވެ.

ޕްރެސިޑެންޓްސް ކަޕްގައި މިރޭ ވެލެންސިއާއާއި އީގަލްސް ވާދަކުރާ މެޗު ފަށާނީ 9:00 ގައެވެ.