ރ. އަތޮޅުގެ ދެ ރަށެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވަސް ކޮންސްޓްރަކްޝަން އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީއަށް ހަވާލުކުރީ، އުނގޫފާރާއި މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުއެވެ. މަޝްރޫއު ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.
އުނގޫފާރު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 18،588,276.60 މިލިއަން ރުފިޔާއަށް 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އުނގޫފާރުގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 41،980 ކިއުބިކް މީޓަރު ބަނދަރު އަދި ނެރު ފުންކުރުމާއި 162 މީޓަރު ބޭރުތޮށި ޖެހުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުމުގެ މަސައްކަތްކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 26,677,466.90 މިލިއަން ރުފިޔާއަށް 350 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން 45،023.84 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި 140 މީޓަރު ބޭރުތޮށި ޖެހުމާއި 85 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުުރުން 129 މީޓަރު ސަރަހައްދުގައި އެއްގަމުތޮށި ޖެހުމުގެ މަސައްކަތް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 26 މޫރިން ރިންގް ހަރުކުރުމާއި ފަސް ފޫރިން ބޮއި ހަރުކުރުމާއި ބޮޑު ސަރަހައްދެއްގައި ރޭމްޕް ހެދުމާއި 641 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނުވަ މަގު ބައްތި ޖެހުމުގެ އިތުރުން މިހާރު އެ ބަނދަރުގައި ހުރި މަރާމާތުގެ މަސައްކަތްތައް އެމްޓީސީސީން ކުރާ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު