ޓެނިސް

ޖޮކިވިޗްވެސް ހިމެނޭހެން އޮސްޓްރޭލިއަން އޯޕަންގެ ގުރު ނަގައިފި، ކުޅެވޭނެކަމާ މެދު ޔަގީން ކަމެއް ނެތް

އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން އަދި ދުނިޔޭގެ އެއްވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ހިމެނޭހެން މުބާރާތުގެ ގުރު ނަގައިފިއެވެ.

މިހާތަނަށް ނުވަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ޖޮކޮވިޗް ފުރަތަމަ ބުރުގައި ކުޅުމަށް ހަމަޖެހިފައިވަނީ އޭނާއާ އެއް ގައުމަކަށް ނިސްބަތްވާ ސާބިއާގެ މިއޮމިރް ކެސެމަނޮވިޗާ ދެކޮޅަށެވެ. މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް އަންނަ ހޯމަ ދުވަހު މެލްބަން ޕާކުގައި ފެށުމަށް ތައްޔާރުވެފައިވާ އިރު، ފަލަ ސުރުހީތަކަށް އެރީ ޖޮކޮވިޗުގެ ވިސާ މައްސަލައެވެ. ޖޮކިވިޗް ކޮވިޑް 19ގެ ވެކްސިން ފުރިހަމަ ނުކޮށް ހުރުމުން އޮސްޓްރޭލިއާއިން އޭނާއަށް ވިސާ ދިނުމުގައި މައްސަލަތަކެއް ޖައްސާފައިވާ އިރު، އެ ކަންކަމުގައި ކޯޓު ކޭސްއަކަށް ގޮސް ޖޮކޮވިޗް ވަނީ ކާމިޔާބުވެސް ހޯދައިފައެވެ.

ފުރަތަމަ ވިސާ ކެންސަލް ކުރި، ފަހުން ކޯޓުގެ ހުކުމާއެކު ޖޮކޮވިޗް އޮސްޓްރޭލިއާއަށް އެތެރެވި

ޖޮކޮވިޗް، އޮސްޓްރޭލިއަން އޯޕަންގައި ކުޅުމަށް އޮސްޓްރޭލިއާއަށް ދިޔައީ މިދިޔަ ހަފުތާގައެވެ. ޑުބާއީ މަގުން އޮސްޓްރޭލިއާއަށް ޖޮކޮވިޗް ދިޔައީ ހާއްސަ ވިސާއެއްގެ ދަށުން އެގައުމަށް އެތެރެވުމަށެވެ. އެހެން ނަމަވެސް އޮސްޓްރޭލިއާގެ ސިއްހީ އިދާރާތަކުގެ ހާއްސަ ގަވާއިދުތަކުގެ ތެރެއިން ބަލައި، ޖޮކޮވިޗްގެ ވިސާ ވަނީ ކެންސަލް ކޮށްފައެވެ.

ޖޮކޮވިޗަށް އޮސްޓްރޭލިއާގެ ވިސާ ނުލިބުނީ ވެކްސިން ނުޖަހާ ދިއުމުންނެވެ. ވެކްސިން ނުޖަހާނަމަ އޮސްޓްރޭލިއާއަށް އެތެރެވެވޭނީ ވެކްސިން ނުޖެހޭނެ ކަމުގެ ލިޔުމެއް އޮވެގެންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ޖޮކޮވިޗް އޮސްޓްރޭލިއާއަށް ފުރަތަމަ ދިޔައީ އިދާރާތަކުން އެ ލިޔުން ހޯދައިގެން ނަމަވެސް އެއާޕޯޓުން އެ ލިޔުން ބަލައި ނުގަތީއެވެ.

ޖޮކޮވިޗް ޑިޓެންޝަން ސެންޓަރުގައި ބެހެއްޓުމާއެކު ސާބިއާ ސަރުކާރުންވެސް އޮސްޓްރޭލިއާއަށް ފާޑު ކިޔައި ބަހުގެ ހަމަލާތައް ދީފައިވާ އިރު، އެ މައްސަލަ ޖޮކޮވިޗްގެ ފަރާތުން ހުށަހެޅީ ކޯޓަށެވެ. ޖޮކޮވިޗްގެ ފަރާތުން ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން ޖޮކޮވިޗަށް ވެކްސިނާ ނުލައި އޮސްޓްރޭލިއާއަށް އެތެރެވެވެން ޖެހެނީ މިދިޔަ މަހުގެ ތެރޭގައި އޭނާ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވުމުންނެވެ. އިދާރާތަކުން ކުރިން ބުނީ ޖޮކޮވިޗް ވެކްސިން ނުޖަހަނީ ވެކްސިނާ ދެކޮޅުވުމުން ކަމަށާއި، ހުށަހެޅި ލިޔުންތަކުން ވިސާ ދެވޭ ވަރަށް ކަންކަން ފުރިހަމަ ނުވާ ކަމަށެވެ.

އެ މައްސަލަ ބަލައި އޮސްޓްރޭލިއާ ކޯޓުގެ ފަނޑިޔާރު އެންތޮނީ ކެލީ މައްސަލަ ނިންމީ އޮސްޓްރޭލިއާ ސަރުކާރާ ދެކޮޅަށެވެ. ޖޮކޮވިޗް ޑިޓެންޝަންއިން ދޫކޮށްލައި ވަގުތުން އޮސްޓްރޭލިއާއަށް އެތެރެ ކުރަން އެންގުމުގެ އިތުރުން ކެލީ ސަރުކާރަށް އަމުރު ކޮށްފައިވަނީ ޖޮކޮވިޗަށް ގެއްލުމުގެ ބަދަލުވެސް ދިނުމަށެވެ.

ފަހުން އަނެއްކާ އިމިގްރޭޝަނަށް އޮޅުވާލި މައްސަލައެއް، ޖޮކޮވިޗް ވަނީ ބަޔާން ނެރެފައި

ކޯޓުގެ ނިންމުމާއެކު ޖޮކޮވިޗަށް އޮސްޓްރޭލިއާއަށް އެތެރެވެވުނު ނަމަވެސް އިމިގްރޭޝަނަށް މައުލޫމާތު އޮޅުވާލި މައްސަލައެއް އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަން ހުށަހެޅި އިރު، އެގައުމަށް ދިއުމުގެ ކުރިން އެ މުއްދަތުގައި އެއްވެސް އިތުރު ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިވޭތޯ މައުލޫމާތު ދޭން ބުނެފައިވާ ބައިގައި ޖޮކޮވިޗް ޖަހާފައި ވަނީ އެއްވެސް ގައުމަކަށް ދަތުރުކުރަން ހަމަޖެހިފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް، މޮންޓެ ކާލޯގައި ދިރިއުޅޭ ޖޮކޮވިޗް ވަނީ ޑިސެމްބަރު މަހު 25 ވަަނަ ދުވަހު ސާބިއާގެ ވެރިރަށް ބެލްގްރޭޑަށް ގޮސްފައެވެ. އަދި އޭގެ ފަހުން ޑިސެމްބަރު މަހު 31 ވަނަ ދުވަހު ޖޮކޮވިޗް ސްޕެއިނުގެ މާބެލާއަށް ވެސް ވަނީ ގޮސްފައެވެ. ބެލްގްރޭޑާއި މާބެލާއަށް ޖޮކޮވިޗް ދިޔަ ފޮޓޯޓައް ސޯޝަލް މީޑިއާގައި ވެސް އޭނާ ހިއްސާކޮށްފައިވާ އިރު، މިއީ އޭނާ އޮސްޓްރޭލިއާގެ ވިސާ އެޕްލިކޭޝަނަށް މައުލޫމާތު ދިން ފަހުން ކޮށްފައިވާ ދަތުރުތަކެކެވެ.

އެ ދަތުރުތަކުގެ ތެރެއިން ޖޮކޮވިޗް ކޮވިޑަށް ޕޮޒިޓިވްވެފައިވެސް ވާ އިރު، ޕޮޒިޓިވްވިކަން އެނގިހުރެ، ފްރާންސްގެ ލެ އިކުޕޭއަށް އިންޓަވިއުއެއް ދިން މައްސަލަވެސް ދަނީ ބަލަމުންނެވެ. އެކަންކަމާ ގުޅިގެން ޖޮކޮވިޗް ވަނީ ބަޔާނެއް ނެރެފައެވެ. ބަޔާނުގައިވާ ގޮތުން އެޕްލިކޭޝަންގެ މައްސަލައެއް ޖެހުނީ އޭނާގެ ސަޕޯޓު ޓީމަށް ހެދުނު ގޯހަކުންނެވެ. ޖޮކޮވިޗް ބުނީ އެއީ "ހިއުމަން އެރާ"އެއް ކަމަށެވެ.

ބަޔާނުގައިވާ ގޮތުން ޕޮޒިޓިވްވެފައި ހުރެ އިންޓަވިއު ދިނީ މާ ކުރިން ޔަގީންކަން ދީފައިވާ އިންޓަވިއުއެއް ކަމުންނެވެ. އަދި އިންޓަވިއު ދިން އިރު، އެކަމަށް ސަމާލުވެ މާސްކު އަޅައި ގައިދުރުކަން ބެހެއްޓި ކަމަށްވެސް ޖޮކޮވިޗް ބުންޏެވެ. އެހެން ނަމަވެސް ފޮޓޯއަކަށް މާސްކު ނެގި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އިންޓަވިއުއަށްފަހު އައިސޮލޭޝަން ފުރިހަމަކުރަން އެކަހެރިވި ކަމަށްވެސް ޖޮކޮވިޗް ވަނީ ބުނެފައެވެ.

ޖޮކޮވިޗްގެ މައްސަލަގަނޑަށް އޮސްޓްރޭލިއަން އޯޕަން ހުއްޓިފައިވާ އިރު، އޭނާގެ ވާދަވެރިންވެސް ވަނީ އެ ޑްރާމާއަށް ކޮންމެވެސް ވަރަކަށް ބަސް ބުނެފައެވެ. އޮސްޓްރޭލިއަން އޯޕަންގެ ގުރަށް ބަލާ އިރު، ހަވަނައަށް ސީޑު ކޮށްފައިވާ ރަފޭލް ނަޑާލް ފުރަތަމަ ބުރުގައި ނުކުންނާނީ އެމެރިކާގެ މާކޯސް ގިރަންއާ ދެކޮޅަށެވެ.