ފްރެންޗް އޯޕަންގެ ފެވަރިޓެއްގެ ގޮތުގައި މުބާރާތަށް ނުކުތް ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާ ޖެނިކް ސިނާ އެ މުބާރާތުގެ ދެވަނަ ބުރުން ކެޓުމާއެކު ގިނަ ބަޔަކަށް ހައިރާންކަން ލިބިއްޖެއެވެ.

މިފަހަރުގެ މުބާރާތަށް ނުކުތްއިރު ސިނާ ވަނީ އެންމެފަހުން ކުޅުނު 30 މެޗުންވެސް މޮޅުވެފައެވެ. އަދި މިއަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ކާލޮސް އަލްކަރާޒް ކާމިޔާބުކުރި ނަމަވެސް، ސިނާ ވަނީ މިދިޔަ އަހަރުވެސް ދެ ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައެވެ.

އެ ދެކުޅުންތެރިންގެ ވާދަވެރިކަން މިދިޔަ އަހަރު ބޮޑުވެފައިވާ އިރު، އެ ވާދަވެރިކަމަށް މިއަހަރު އޮތީ ހިޔަނި އެޅިފައެވެ. އެއީ މިހާރު ކުރިއަށްދާ ފްރެންޗް އޯޕަންއާއި ވިމްބަލްޑަންވެސް އަލްކަރާޒަށް ގެއްލޭނެތީއެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.

ސިނާ ފްރެންޗް އޯޕަންގެ ދެވަނަ ބުރުން ކެޓީ ދުނިޔޭގެ 26 ވަނައިގައި އޮތް މަނުއެލް ސެރުންޑޯލޯ އަތުން ބަލިވެގެންނެވެ. ސިނާ ފުރަތަމަ ދެ ސެޓު، 6-2 އަދި 6-3 އިން ގެންދިޔަ ނަމަވެސް ތިންވަަނަ ސެޓުގެ މެދުތެރެއިން ގޯސްތަކާ ދިމާވިއެވެ.

އެހިސާބުން ސިނާ މެޑިކަލް ޓައިމްއައުޓެއްވެސް ނަގާފައިވެއެވެ. އެއީ ބޯއަނބުރާ ހޮޑުވަލާ ގޮތް ވާކަމަށް އިޝާރާތް ކޮށެވެ. ހޫނު ގަދަ ވަގުތެއްގައި މެޗު ކުޅެމުންދިޔަ އިރު، ސިނާ އަތުން އެހިސާބުން ތިން ގޭމް ގެއްލުނެވެ. އެއީ 7-5، 6-1 އަދި 6-1 އިން ސެޓުތައް ގެއްލިގެންނެވެ.

ސިނާ މެޗަށްފަހު ބުނީ ބަލިވީ ހޫނުގަދަވެގެން ނޫން ކަމަށާއި، ބަލިވީ މާބޮޑަށް ހަކަތަ ނެތުމުން ކަމަށެވެ. އަދި މާބޮޑަށް ވަރުބަލިވެ، މީހާ ގައިގެ ހަކަތަ އެއްކޮށް ހުސްވި ކަމަށް އޭނާ ބުންޏެވެ. ސިނާ ބުނީ އޭނާއަކީވެސް ރޮބޮޓެއް ނޫން ކަމަށާއި، އަހަރު އެއްކޮށް ކުޅެން ޖެހުމުން އެ ވަރުބަލިކަން އަންނާނެ ކަމަށެވެ.