ޕޮލެންޑްގެ މާޖާ ޗްވަލިންސްކާ ބަލިކޮށް، އުމުރުން 19 އަހަރުގެ މީރާ އަންޑްރޭވާ ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް ތަށްޓެއް ކާމިޔާބު ކޮށްފިއެވެ.
ރޭ ކުޅުނު ފްރެންޗް އޯޕަން ފައިނަލުގައި އަންޑްރޭވާ، ޗްވަލިންސްކާ ބަލިކުރީ 6-3 އަދި 6-2 އިން ސެޓުތައް ގެންގޮސްގެންނެވެ. ރަޝިއާއަށް ނިސްބަތްވާ އަންޑްރޭވާއަކީ މުބާރާތަށް އަށްވަނަ އަށް ސީޑް ކޮށްފައިވާ ކުޅުންތެރިޔާއެވެ. އަންޑްރޭވާ އުމުރުން 19 އަހަރުގައި ފްރެންޗް އޯޕަން ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ވެފައި ވަނީ 1992 ވަނަ އަހަރު ފަހުން އެ މުބާރާތް ކާމިޔާބުކުރި އެންމެ ހަގު ކުޅުންތެރިޔާއަށެވެ. އެފަހަރު ތަށި ނެގީ މޮނިކާ ސޭލްސްއެވެ.
އެއް ގަޑިއިރާއި 22 މިނެޓް ތެރޭގައި އަންޑްރޭވާ ރޭގެ ފައިނަލް ކާމިޔާބު ކޮށްފައިވާ އިރު، ފަހު ޕޮއިންޓާއެކު އޭނާ ވަނީ ވަރަށް ބޮޑަށް އުފާފާޅު ކޮށްފައެވެ. ހާއްސަކޮށް ކޯޗު ކޮންޗިޓާ މާޓިނޭޒާއެކު ވަރަށް ބޮޑަށް އުފާފާޅުކުރިއެވެ. އަންޑްރޭވާގެ ކޯޗު މާޓިނޭޒަކީ 1994 ވަނަ އަހަރު ވިމްބަލްޑަން ކާމިޔާބުކުރި ކޯޗެކެވެ.
އަންޑްރޭވާ ބުނީ އެންމެ ޅަ ދުވަހުން ފެށިގެންވެސް ފްރެންޗް އޯޕަންއަކީ އަބަދުވެސް ބަލަމުންދާ މުބާރާތެއް ކަމަށާއި، އެ މުބާރާތުގައި ވާދަކޮށް، ކެރިއަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ކާމިޔާބުކުރެވުމަކީ ލިބުނު އާދަޔާހިލާފު އުފާވެރިކަމެއް ކަމަށެވެ.
އަންޑްރޭވާއާ ފައިނަލުގައި ވާދަކުރި ޗްވަލިންސްކާއަށްވެސް މިއީ ޖާދުވީ މުބާރާތެކެވެ. ދުނިޔޭ ރޭންކިންގެ 114 ވަނައިގައި އޮވެ ފައިނަލަށް ދިޔުން އެއީ އޭނާ ހޯދި ބޮޑު ކާމިޔާބީއެކެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް