ގްރޭންޑް ސްލޭމް ޓެނިސް އިވެންޓްތަކުން ލިބޭ އިނާމު ފައިސާ ބޮޑުކޮށްދޭން ކުރާ ޑިމާންޑަށް ހައްލެއް ނުލިބިވާތީ، އެކަމާ ދެކޮޅަށް ކުރަމުންދާ ހާއްސަ ހަޅުތާޅެއްގެ ތެރެއިން ދުނިޔޭގެ އެއް ނަމްބަރު އަންހެން ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލަންކާގެ ފްރެންޗް އޯޕަން ޕްރެސް ކޮންފަރެންސް 15 މިނެޓުން މެދުކަނޑާލައިފިއެވެ.
ދުނިޔޭގެ އަންހެން އަދި ފިރިހެން ޓެނިސް ރޭންކިންގެ ގަދަ 10 ކުޅުންތެރިން ޑިމާންޑް ކޮށްފައި ވަނީ ސީޒަން ތެރޭގައި ކުރިއަށްދާ ހަތަރު ގްރޭންޑް ސްލޭމް މުބާރާތުން ކުޅުންތެރިންނަށް ދޭ އިނާމު ފައިސާގެ އަދަދު އިތުރު ކޮށްދިނުމަށެވެ. އަދި އޭގެ އިތުރުން އެ މުބާރާތްތަކުގެ ބޯނަސް ފައިސާވެސް ރަނގަޅުކޮށް، ޝެޑިއުލް ކުރުމުގައި ބަސް ބުނުމުގެ ހައްގަށްވެސް ޑިމާންޑް ކޮށްފައިވެއެވެ.
ސަބަލެންކާ ބުނީ މިހާރު ކުޅުންތެރިންގެ އިނާމު ފައިސާއަށް ދެމުން ދަނީ ގްރޭންޑް ސްލޭމްތަކުގެ އާމްދަނީގެ 15 ޕަސެންޓް ކަމަށާއި، ޕްރެސް 15 މިނެޓުން މެދުކަނޑާލީ އެކަމުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ. ސަބަލެންކާ، 28، ވަނީ ހޯސްޓް ބްރޯޑްކާސްޓަރުންނަށް ފަސް މިނިޓްގެ ވީޑިއޯ އިންޓަވިއުއެއް ދިނުމަށް ފަހު، 10 މިނިޓް ތެރޭ ޕްރެސް ކޮންފަރެންސް ނިންމާލައިފައެވެ.
ސަބަލެންކާގެ އިތުރުން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްވެސް މިހަޅުތާލުގައި ބައިވެރިވެއެވެ. އެގޮތުން އިއްޔެ އޮތް ޕްރީ ޓޯނަމަންޓް ޕްރެސްގައި ދުނިޔޭގެ އެއް ވަނަ ފިރިހެން ކުޅުންތެރިޔާ، އިޓަލީގެ ޖަނިކް ސިނާއާއި ހަތަރު ފަހަރު ފްރެންޗް އޯޕަން އަންހެން ޑިވިޝަން ކާމިޔާބުކުރި އީގާ ސްވިއަޓެކް ވެސް ވަނީ 15 މިނިޓަށް މީޑިއާގެ ކަންކަން ކުރުކޮށްލައިފައެވެ.
އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބުކުރުމުގެ ރެކޯޑް އޮތް ސާބިއާގެ ލެޖެންޑަރީ ތަރި، ނޮވަކް ޖޮކޮވިޗް ވަނީ މި 15 މިނިޓްގެ ހަޅުތާލުގެ ފަހަތުގައި އޮތް ސަބަބަށް އިހުތިރާމް ކުރާ ކަމަށް ބުނެފައެވެ. އެހެން ނަމަވެސް ޑޮކޮވިޗް ސީދާ އެކަމަށް އަމަލުކުރަން އެއްބަސްވެފައެއް ނުވެއެވެ.
ޓެނިސް
ޓެނިސް
ޓެނިސް
ޓެނިސް