ޚަބަރު

ދެ އަހަރު ތެރޭގައި އެމްޓީސީސީއަކީ ބުރިޖު އެޅުމަށް ގާބިލު ކުންފުންޏަކަށް ހެދޭނެ: އާޒިމް

މުހައްމަދު ޖަމްޝަތް ވަހީދު

1

ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަސް ތެރޭގައި އެކި ސައިޒުގެ ބުރިޖު އެޅުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދާނެ ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އާދަމް ރޭ ވިދާޅުވީ، ބޮޑެތި ބްރިޖް އަޅާ ކުންފުންޏަކަށް އެމްޓީސީސީ ވެގެން ދިއުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކުންފުންޏަކީ އެކި ސައިޒުގެ ބުރިޖު އެޅޭނެ ގާބިލުކަން ލިބިގެންވާ ކުންފުންޏަކަށް ހެދޭނެ ކަމާމެދު ޝައްކެތް ނެތް ކަމަށެވެ.

"ރައީސް ބޭނުންފުޅުވޭ ބޮޑެތި ބުރިޖް އަޅާ ކުންފުންޏަކަށް އެމްޓީސީސީ ބަދަލުވެގެންދާން. އަޅުގަނޑުމެންގެ ތަސައްވަރަކީ ރައީސްގެ ތަސައްވަރު. އަޅުގަނޑުމެން އެމަގަށް ދިއުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް އިރާދަކުރެއްވިއްޔާ މިހާރު މިދަނީ ކުރަމުން،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބުރިޖް އެޅުން ފަދަ މަޝްރޫއުތަކަކީ އާދައިގެ ކުޑަ މަޝްރޫއުތަކެއް ނޫން ކަމަށާއި އެމްޓީސީސީން ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ކުރިއަށްގެންދާ މަޝްރޫއުތަކަކީވެސް ބޮޑެތި މަޝްރޫތަކެއް ކަމަށެވެ. އަދި އެވަރުގެ ގާބިލުކަން ހުރި ކުންފުންޏަކަށް އެމްޓީސީސީ ހެދުމަށް ކުރާ މަސައްކަތްތަކުގައި ރައީސް ފުރިހަމަ އެއްބާރުލުން ދެއްވާ ކަމަށް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ، މިސަރުކާރު އައި އިރު އެކުންފުނި ހިންގަމުން ގެންދިޔައީ މާލީގޮތުން ގެއްލުމުގައި ކަމަށާއި ނަމަވެސް ރައީސްގެ ލަފާފުޅާ އެކު ކޮވިޑު ތެރޭގައިވެސް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއުތައް ނިންމި ކުންފުންޏަކީ އެމްޓީސީސީ ކަމަށެވެ. އަދި އެކުންފުންޏަށް އެންމެ ބޮޑު މާލީ ފައިދާއެއްވެސް ލިބިފައި ވަނީ ސަރުކާރުގެ މިދައުރުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.