ޚަބަރު

ދީފައިވާ މުއްދަތުގެ ތެރޭގައި ދެ ކޮމަންޑޫ ގުޅައިލާނަން: އެމްޓީސީސީ

އަލީ ޔާމިން

ށ. ކޮމަންޑުއާއި އެރަށާ އެއްފަޅެއްގައި އޮންނަ މަތިކޮމަންޑޫ ގުޅުވައިލުމުގެ މަސައްކަތް ދީފައިވާ މުއްދަތުގެ ތެރޭގައި ނިންމާލާނެ ކަމަށް އެ މަޝްރޫއު ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް، 249.9 މިލިއަން ރުފިޔާއަށެވެ.

ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ރޭ ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެމްޓީސީސީއަކީ އެކި ސައިޒުގެ ބުރިޖު އެޅޭނެ ގާބިލުކަން ލިބިގެންވާ ކުންފުންޏަކަށް ހެދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށެވެ.

އާޒިމް ވިދާޅުވީ، ދެ ކޮމަންޑޫ ގުޅައިލުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން މާދަމާ މެންދުރުފަހު ފަށާނެ ކަމަށާއި އެ މަޝްރޫ ނިމިގެން އެމްޓީސީސީން އެރަށުން ފައިބާނީ، އެރަށުގެ ބަނދަރުގެ ފެއިލްވެފައިވާ ރިވެޓްމަންޓް ވެސް އަލުން މަރާމާތުކޮށް، މިހާރު ހިއްކާފައި އޮތް ބިމުގެ ފަސްގަނޑުވެސް އެއްވަރުކޮށްދީފައި ކަމަށެވެ.

"ހުކުރު ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އަމަލީ މަސައްކަތް ފަށާނަން. ދެން އަޅުގަނޑު ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ހުއްޓުމެއް ނެތި ދާގޮތަށް ގޮސް އަޅުގަނޑުމެން މި މަޝްރޫއު ޓައިމަށް ނިންމައިދޭނަމޭ." އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އެމްޓީސީސީން މަސައްކަތްތައް ކުރަނީ ރައްޔިތުންނަށް އޭގެ މަންފާ އެންމެ ބޮޑަށް ލިބޭނެ ގޮތަށް ކަމަށާއި އެއްވެސް މަސައްކަތެއްގެ އެއްބައި ނިންމުމަށްފަހު އެމްޓީސީސީން ދޫކޮށް ނުލާނެ ކަމަށެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހުކުރު ދުވަހު ފަށާއިރު، އެ މަޝްރޫއު ހަފުތާއެއްގެ ތެރޭގައި ފަށްޓަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާނު ކުރައްވައިފައެވެ.