ޚަބަރު

ބީބީސީއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރަނީ

މުހައްމަދު ޖަމްޝަތް ވަހީދު

ރާއްޖެ އިޝްތިހާރުކުރުމާ ގުޅޭ އެއްބަސްވުމެއްގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އާއި ބީބީސީ ގްލޯބަލް ނިއުސްއާ ދެމެދު ސޮއިކޮށްފިއެވެ.

އެމްއެމްޕީއާރުސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެ ކޯޕަރޭޝަންގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. ބީބީސީ ގްލޯބަލް ނިއުސްގެ ފަރާތުން ސޮއިކޮށްފައި ވަނީ ބީބީސީ ސްޓޫޑިއޯސްގެ ކޮމާޝަލް އޮޕަރޭޝަންސްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް ނިކް ކާލްޓަންއެވެ.

މިއީ އެމްއެމްޕީއާރުސީން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އިޝްތިހާރުކުރުމަށް ގެންގުޅޭ މާކެޓިން ސްޓްރެޓަޖީއާ ގުޅުވައިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ. މި ކެމްޕެއިންގެ މަގުސަދަކީ އާ އާންމު ހާލަތުގައި ރާއްޖެއަކީ ފަތުރުވެރިން ބޭނުންވާ ރައްކާތެރިކަމާއި އެފަދަ ހާލަތާ ގުޅޭ އެކި ހިދުމަތްތައް ފޯރުކޮށްދޭ މަންޒިލެއްގެ ގޮތުގައި މާކެޓް ކުރުން ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

އެ ކޯޕަރޭޝަނުން ބުނީ، ބީބީސީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކެމްޕެއިންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަންތަން އަދި ސަގާފަތް އެކި ބާވަތުގެ ކޮންޓެންޓް މެދުވެރިކޮށް ބީބީސީގެ ޑިޖިޓަލް އަދި ބްރޯޑްކާސްޓިން ޕްލެޓްފޯމްތަކުގައި ގެނެސްދޭން ހަމަޖެހިފައިވާ ކަމަށެވެ.

ކެމްޕެއިނާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ތޮއްޔިބް މުހައްމަދު ވިދާޅުވީ މިއީ އެކުންފުނީގެ ގްލޯބަލް މާކެޓިން ސްޓްރެޓަޖީގެ ދަށުން ކުރިއަށް ގެންދާ ކެމްޕެއިންތަކުގެ ތެރެއިން އެއް ހަރަކާތް ކަމަށެވެ. އަދި އެފަދަ ހަރަކާތްތަކަކީ ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖޭގެ ވިޒިބިލިޓީ ދެމެހެއްޓުމަށް ހިންގާ ކެމްޕެއިންތަކެއް ކަމަށް ވިދާޅުވިއެވެ.

ތޮއްޔިބް އިތުރަށް ވިދާޅުވީ ބީބީސީއާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެއަކީ ފަތުރުވެރިންނަށް މަރުހަބާ ކިއުމަށް ތައްޔާރަށް އޮތް، ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ކުރަމުންދާ މަސައްކަތައް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

އަދި މި ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި އެ ދާއިރާގެ އެކި މީހުންގެ ވާހަކަތައް ބީބީސީ ޕްލެޓްފޯމް މެދުވެރިކޮށް ބައިނަލްއަގުވާމީ ފެންވަރުގައި ޕްރޮމޯޓް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.