އިނގިރޭސި އެފްއޭ ކަޕް ތިންވަނަ ބުރުގައި ރޭ އެސްޓޮން ވިލާއިން މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ރެފްރީ މައިކަލް އޮލިވާ ނިންމި ނިންމުން ބަލައިގަންނަ ކަމަށް ވިލާގެ ކޯޗު ސްޓީވަން ޖެރާޑު ބުނެފިއެވެ.
ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗުން ވިލާ ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. ޔުނައިޓެޑްގެ ހަމައެކަނި ގޯލު ސްކޮޓް މެކްޓޮމިނީ ޖަހައިދިން އިރު، މެޗުގެ ނަތީޖާ ހަމަހަމަ ކުރުމާ ވިލާ ވަނީ ވަރަށް ގާތަށް ޖެހިލައިފައެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ވިލާއިން ބޯޅަ ގޯލަށް ވައްދާލި ނަމަވެސް، ވީއޭއާރުގެ އެހީގައި ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.
ވިލާގެ ހިލޭ ޖެހުމަކުން އޮލޭ ވޮޓްކިންސްގެ ނެގި ބޯޅަ ޑެނީ އިންގްސް ގޯލަށް ވައްދާލި ނަމަވެސް، ތިން މިނެޓާއި ބައިވަންދެން ވީއޭއާރު ރިވިއުކޮށް ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ ގޯލެއް ނޫން ކަމަށް ބަލަން ރެފްރީ ގިނަ ކަންތައްތަކަކަށް ވީއޭއާރުގެ އެހީގައި ބަލާފައިވާ އިރު، ރެފްރީ ނިންމުން ނިންމީ ފައުލަކަށްތޯ ނޫނީ އޮފްސައިޑް ވެގެންތޯ ކަމެއް ބަލަން ތިބި މީހުންނަށްވެސް ނޭނގުނެވެ. ރިވިއުގައި ދެއްކި ގޮތުގައި ރެފްރީ އެ ނިންމުން ނިންމީ ހިލޭ ޖެހުން ޖެހި ގަޑީ ވިލާގެ ޖޭކޮބް ރަމްސީ އޮފްސައިޑު މަގާމެއްގައި ހުރެފައި އޭރިއާ ތެރެއަށް ޑިފެންސް ކުރަން ވަން އެޑިސަން ކަވާނީއަށް ހުރަސް އަޅައިގެންނެވެ.
"ވީއޭއާރުގެ ބޭނުމަކީ ނިންމުން ނިންމަން އެހީތެރިވެދިނުން. އެކަން އެކުރީ ރެފްރީ. އެއީ ރަނގަޅު ނިންމުމެއް ކަމަށް ގަބޫލުކޮށް ޝަކުވާއިން އެއް ފަރާތްވެލުން އެންމެ ރަނގަޅުވާނީ. އެކަމަކު ނިންމުން ނިންމަން ހޭދަވާ ވަގުތަށް ބަލާލަން އެބަ ޖެހޭ. ދެތިން ކަމަކަށް ބެލި އިރު، އެ ރިވިއުއަށް ތިން މިނެޓާއި ބައި ވަގުތު ހޭދަވި. އެއީ ވަރަށް ގިނަ ވަގުތު،" ރޭގެ މެޗަށްފަހު ޖެރާޑް ބުންޏެވެ.
އެފްއޭ ކަޕުގައި ވީއޭއާރް ބޭނުން ކުރަނީ ހަމައެކަނި ޕްރިމިއާ ލީގު ޓީމުތަކުގެ ދަނޑުތަކުގައެވެ. އެހެން ދަނޑުތަކުގައި ކުޅޭ މެޗުތަކުގައި ވީއޭއާރް ބޭނުން ނުކުރާ އިރު، އެއީ ބޭއިންސާފެއް ކަމަށްވެސް ގިނަ ތަޖުރިބާކާރުން ވަނީ ސިފަކޮށްފައެވެ. އެގޮތުން ބީބީސީ ސްޓޫޑިއޯގައި ރޭގެ މެޗުގެ އެނަލިސްޓަކަށް އިން އެލެން ޝިއެރާވެސް ބުނެފައި ވަނީ ވަކި މެޗުތަކެއްގައި ވީއޭއާރް ބޭނުން ކުރުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ.
މެޗަށްފަހު ޖެރާޑް ބުނެފައި ވަނީ އެފްއޭ ކަޕުން ކެޓުމަކީ މާޔޫސް ކަމެއް ނަމަވެސް ރޭގެ މެޗުގައި ޓީމުން ދެއްކި ހިތްވަރާއި ކުޅުނު ކުޅުމަށް ތައުރީފް ކުރާ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު