ރިޕޯޓް

އިއްބެ: ހިތްދަތި ތަކުލީފުތަކުން އަރައިގަނެ ފޯމަށް، ގައުމީ ޖާޒީއަށްވާ ވައުދެއްވެސް އެބައޮތް!

ޓީސީ ސްޕޯޓްސް ކްލަބުން ފިޔަ ޖަހާލައި، އިބްރާހީމް ވަހީދު ހަސަން (އިއްބެ) ދިވެހީންނަށް ތައާރަފު ވެލީ 2018 ވަނަ އަހަރުއެވެ. 2018 ވަނަ އަހަރު ބަންގުލަދޭޝްގައި އޮތް ސާފް ޗެމްޕިއަންޝިޕް ގައުމީ ޓީމުން ކާމިޔާބުކުރި އިރު، އެޓީމުގެ މައި އެއް ތަނބަކީ އިއްބެއެވެ. އެ މުބާރާތުގެ އެއް ތަރިއަކީވެސް އިއްބެއެވެ. ސެމީ ފައިނަލުގައި ނޭޕާލް ކޮޅަށް ޖެހި ހިތްގައިމު ދެ ގޯލާއެކު އިއްބެ ގައުމީ ފުޓުބޯޅައިގައި، އޭނާގެ ނަން ރަނުން ލިޔެލިއެވެ.

ކޮންމެއަކަސް އެ ފޯމުގައި 2019-20 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނަށް އިއްބެ މާޒިޔާ ޖާޒީގައި ނުކުތީ ތަފާތު ދެއްކުމަށް ތައްޔާރު ވެގެންނެވެ. ސީޒަންގެ ކުރީކޮޅުގައި އެ ތަފާތު އިއްބެ ދެއްކި ނަމަވެސް، އެ ސީޒަންވީ އޭނާއަށް އެންމެ ޗެލެންޖިން ސީޒަނަށްވެސް މެއެވެ. "އެމޯޝަނަލީ" ބޮޑު ދެރައަކާ ކުރިމަތިލާން ޖެހުމުގެ އިތުރުން އެތަކެއް އަނިޔާތަކަކާއެކު އިއްބެގެ ފޯމަށް އަސަރު ކުރިއެވެ.

އާއިލީ ބޮޑު ހިތާމައެއްގެ އިތުރުން އަނިޔާގެ މާޔޫސްކަން، އިއްބެ ކުރީ ފުރުސަތަކަށް އިންތިޒާރު

ދެހާސް ނަވާރަވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ގުއާމާ ދެކޮޅަށް ގައުމީ ޓީމުން ކުޅެން އޮތް މެޗަށް ވިސާ ހޯދަން ޓީމާއެކު އިއްބެ ސްރީލަންކާގައި ކޭމްޕް ޖަހައިގެން ހުއްޓައި، އުފަން ރަށް ހދ. ނޮޅިވަރަންފަރުގެ ލޯންޗަކަށް ދިމާވި ހާދިސާއެއްގައި އޭނާގެ އާއިލާގެ ފަސް މެމްބަރަކު މި ދުނިޔެއާ ވަކިވެދިޔައެވެ. ކުއްލިއަކަށް ޝޮކެއް ލިބި، އިއްބެ ނިންމީ ވަގުތުން ޓީމުގެ ކޭމްޕުން ވަކިވެ، ރާއްޖެ އައުމަށެވެ. އެ ހިތާމައިން އަރައިގަންނަން އުނދަގޫވެ އުޅެނިކޮށް ޗައިނާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ކޮލިފިކޭޝަން މެޗުގައި އިއްބެގެ ފައިގެ މަސްގަނޑަށް އަނިޔާވިއެވެ.

"އިންޖަރީ ބޮޑަށް މިއައީ. އުނދަގޫ ހާލަތެއް ދިމާވިތަނާހެން އަނިޔާގެ މައްސަލަތައް މިއައީ. ގައުމީ ޓީމުން 2019 ވަނަ އަހަރު ޗައިނާއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެނބުރި މާޒިޔާގެ ތަމްރީނުތަކަށް އައި އިރު ހުރީ އަނިޔާވެފައި. އޭގެ ފަހުން މިދިޔަ އަހަރުވެސް އުޅެން ޖެހުނީ ހަމަ އެކަހަލަ އަނިޔާތަކެއްގައި. ހަމަ މަސްގަނޑު އިރައިގެން ދިއުމުގެ ކަންކަން ދިމާވީ. ދެފައިގެވެސް މަސްގަނޑަށް އަނިޔާވެގެން އުޅެން ޖެހުނު. އެކި ފަހަރު އެކިތަނުން،" އިއްބެ "ވަން"އަށް ބުންޏެވެ.

އަނިޔާގެ ސަބަބުން މިދިޔަ ދެ ސީޒަންވެސްވީ އިއްބެއަށް މާޔޫސީ ސީޒަންތަކަށެވެ. ރާއްޖޭގެ އެންމެ އުހުގައި ހުރެފައި ކުއްލިއަކަށް ޓީމެއްގެ ބެންޗު ހޫނުކުރަން އިނުންވީ ވަރަށް ބޮޑަށް "ކޮންފިޑެންސް"އަށް އަސަރުކުރި ކަމަކަށެވެ. އެއީ އުނދަގޫ ހާލަތެއް ނަމަވެސް، އިއްބެގެ ޑިސިޕްލިން އޭނާ ސާބިތުކޮށްދިނެވެ. އަބަދުވެސް ކުޅިވަރުގެ ޑިސިޕްލިން ހުންނަ ކުޅުންތެރިއެއްގެ ގޮތުގައި ފެންނަ ފެނުން، އޭނާ ދެއްކީ ހިތްވަރާ އެކުގައެވެ.

"މިދިޔަ އަހަރު ސީޒަންގެ ފަހުކޮޅަށް ދިޔައިރު އިނީ އަނިޔާއިން ރަނގަޅުވެފައި. އެކަމަކު އޭރު ފުރުސަތު ހޯދަން އުނދަގޫވި. ބެންޗުގައި އިންނަން ޖެހުނީމަ ވަރަށް އުނދަގޫވެސްވި. އޭރު ދެން ހަމަ މަޑުކުރީ ފުރުސަތަކަށް. އަބަދުވެސް ވިސްނަމުން ދިޔައީ ފުރުސަތު ލިބުނީ ސާބިތުކޮށްދޭން،" އިއްބެ ބުންޏެވެ.

މިދިޔަ ދެ ސީޒަންގެ ތެރެއިން އެންމެ ފަހު ސީޒަންގެ މެޗުތަކުން އިއްބެ ކޮންމެވެސް ވަރަކަށް ފެންނަން ފެށި ނަމަވެސް ކުރީގެ ފޯމު ދަމަހައްޓަން އުނދަގޫވިއެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ދާން ނެގި ގައުމީ ސްކޮޑުގައި އިއްބެ ހިމެނި ނަމަވެސް، ނުކުޅެވޭ ކަމަށް ގަބޫލުކޮށް އޭނާ އެ ފުރުސަތު ދޫކޮށްލިވެސް މެއެވެ. މިދިޔަ ސީޒަންގެ ފަހުކޮޅުގައި އިއްބެގެ ފޯމު ރަނގަޅުވަމުން ދިޔަ އިރު، އޭނާ ވަނީ ސާފް ޗެމްޕިއަންޝިޕްގެ އިތުރުން ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގެ ބައެއް މެޗުތަކަށް، ބެންޗުން ކުޅެން ނުކުމެފައެވެ. އެހެން ނަމަވެސް އެއީ ސަޕޯޓަރުންނަށް ކުރިން ފެނުނު އިއްބެއެއް ނޫނެވެ. ގައުމީ ޓީމަށް އެންމެ ބޭނުންވާ އިއްބެއެއްވެސް ނޫނެވެ.

އެ ހާލަތުގައި އިއްބެ ދެ އަހަރެއްހާ ދުވަސް އުޅުނު ނަމަވެސް، ހާލަތު އަމިއްލައަށް ބަދަލުކޮށްފިއެވެ. މާޒިޔާއަށް މިދިޔަ ދެ ސީޒަނުގައި އިރުޝާދު ދިން ބިދޭސީ ދެ ކޯޗުން ކަމަށްވާ މަރުޖާން ސެކުލޯވްސްކީއާއި ރިސްޓޯ ވިޑަކޮވިޗް ކައިރީ ނުހޯދުނު އިތުބާރު، އަލަށް ކްލަބާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) ކައިރިން އިއްބެ ހޯދައިފިއެވެ.

"ޕްރި ސީޒަން ވަރަށް ރަނގަޅަށް ދިޔައީ. ކޯޗުގެ އިތުބާރު ލިބުން އެއީ އެންމެ ބޮޑު ހިތްވަރަކީ. ކޯޗު އިތުބާރުކޮށްފައި މެޗަށް އަރުވާތީ އެއީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް. އޭރު ފުރުސަތު ނުލިބިގެން ކޮންފިޑެންސް ގެއްލިފައި ހުރީ އަސްލު. ކޯޗުންނަށް އިތުބާރު ނުކުރެވުނީވެސް ކީއްވެކަން އެނގޭ، އެއީ އަނިޔާގެ ސަބަބުން އަސްލު. ރިކަވާ ވިއިރުވެސް ފުލް ކޮންފިޑެންސް ކޯޗަށް ނުދެވެނީ،" މި ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެސިޑެންޓްސް ކަޕްގައި ތަފާތު ފޯމެއް ދައްކަމުން އަންނަ އިއްބެ ބުންޏެވެ.

މިހާތަނަށް ސީޒަންގައި ޖުމުލަ ހަތް ގޯލު އިއްބެ ޖަހާފައިވާ އިރު، އެންމެފަހުން މާޒިޔާއިން ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ހެޓްރިކް ހެދިއެވެ. މިހާތަނަށް ޕްރެސިޑެންޓްސް ކަޕްގައި އިއްބެ ދެއްކި ކުޅުމަށް ބަލާ އިރު، އޭނާއަށް އޮތީ "ރަން" ސީޒަނެއް ކަމަށް ބެލެވިދާނެއެވެ. އެއީ އިއްބެގެ އަމިއްލަ މަސައްކަތެވެ.

"އަމިއްލައަށް ކުރަން ވަރަށް ބޮޑު މަސައްކަތެއް. ހަމަ ޖިމްވެސް އަމިއްލައަށް ޖައްސައިގެން، އަމިއްލަ ރޫޓިންގައި މެޗުތަކަށްވެސް ތައްޔާރުވަން. ދެން އެންމެ ބޮޑު ހިތްވަރަކަށް މިހާރު ވަނީ އަންހެނުން. އަންހެނުންގެ ސްޕޯޓްސް ބެކްގްރައުންޑެއް ހުރީމަ އާދޭ ވަރަށް ބޮޑު ފަސޭހައެއް،" އިއްބެ ބުންޏެވެ.

އިއްބެގެ ވައުދެއްވެސް އެބައޮތެވެ. ގައުމީ ޓީމަށް ސަޕޯޓަރުން އެންމެ ބޭނުންވާ އިއްބެ ގެނެސްދޭނެ ކަމުގެ ޔަގީންކަމުގެ ވައުދެވެ.

"ގައުމީ ޓީމުގެ ފުރުސަތު ހަމަ ލިބޭ ހިސާބުން، ކުރިން ސަޕޯޓަރުން އިތުބާރުކުރި އިއްބެ ގެނެސްދޭނަން މިހެން ފިޓްކޮށް ހުރިއްޔާ،" އިއްބެ ހިތްވަރާއެކު ބުންޏެވެ.

އެތަކެއް އުނދަގޫތަކެއްގެ ތެރެއިން ފޯމު އަނބުރާލަން އިއްބެއަށް ބޭނުންވީ ކެތްތެރިކަމެވެ. ދޫކޮށް ނުލުމުގެ ވިސްނުމެވެ. ފުޓުބޯޅަ ކުޅޭ ހިތުން، ފުޓުބޯޅައިގެ ތެރެއަށް ވަދެ އުޅޭ ކޮންމެ ޒުވާނަކަށްވެސް އިއްބެ ދައްކައިދިނީ ނަމޫނާއެކެވެ. ޑިސިޕްލިންއާއެކު ކުރި މަސައްކަތުން އިއްބެގެ ގޯލަށް ވާސިލުވާން އޭނާ ކުރި މަސައްކަތަކީ އަނިޔާ ތަހައްމަލުކުރާ، ނޫނީ އެމޯޝަނަލީ އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކުރާ ހަމަ ކޮންމެ ކުޅުންތެރިއަކަށް އިބުރަތްތެރި ފިލާވަޅެކެވެ.

"އަނިޔާއަކުން ރަނގަޅުވުމަށް ކުރަން ޖެހޭ ކަމަކީ ކެތްތެރިކަން. ދޫނުކޮށްލައި ހިފަހައްޓާލަން ޖެހޭނެ. ފުރުސަތު ލިބޭނެ. އެ ފުރުސަތަށް މަޑުކޮށް ލިބޭ ފުރުސަތުގައި ތަފާތު ދައްކަން ތައްޔާރުވާން ޖެހޭނެ،" އިއްބެގެ ނަސޭހަތަކީ މިއެވެ.