ގައުމީ ޓީމަށް ކުޅުނު ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ، މުހައްމަދު ރަޝީދު (ހޮކޭ) ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.
ރ. އަލިފުއްޓަށް އުފަން ހޮކޭ އުމުރުން 36 އަހަރުގައި ފުޓުބޯޅަ ހުއްޓާލިކަން އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ ވަނީ އިއުލާންކޮށްފައެވެ. ހޮކޭ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށްފަހު ފުޓުބޯޅަ ހުއްޓާލަން ނިންމާފައިވާ ކަމަށާއި، ޅަ އުމުރުން ފެށިގެންވެސް އެންމެ ލޯބިވި ކުޅިވަރު ކަމަށްވާ ފުޓުބޯޅައިން ކެރިއަރެއް ބިނާކޮށް، އެ ކުޅިވަރު ޕްރޮފެޝަނަލީ ކުޅުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.
އޭގެ އިތުރުން ހޮކޭ ފާހަގަކޮށްފައިވަނީ ފުޓުބޯޅައިގައި ގައުމު ތަމްސީލު ކުރުމަކީ ލިބުނު ބޮޑު ޝަރަފެއްގެ ގޮތުގައެވެ. ކެރިއަރުގައި އެކިއެކި ގޮތްގޮތުން ސަޕޯޓު ދިން އެންމެހާ ފަރާތްތަކަށާއި، އޭނާގެ ހުރިހާ ސަޕޯޓަރުންނަށް ހޮކޭ ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.
ހޮކޭ ފުރަތަމަ ފާހަގަވެގެން ދިޔައީ ހިތަދޫ ޒެޑްސީންނެވެ. އޭގެ ފަހުން 2011 ވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، ޑޮމެސްޓިކް ލީގުގައި ފިޔަޖަހަން ފަށާފައިވާ އިރު، އެ ކްލަބަށް އަހަރެއް ވަންދެން ކުޅުމަށްފަހު ހޮކޭ ބަދަލުވީ ކްލަބު ވެލެންސިއާ އަށެވެ. އޭގެ ފަހުން މާޒިޔާއަށްވެސް ހޮކޭ ކުޅެފައިވާ އިރު، އޭނާގެ ވިދުން އެންމެ ގަދަވީ ނިއު ރޭޑިއަންޓުގައެވެ.
ފުލް ބެކެއްގެ ގޮތުގައި އާންމުކޮށް ފެންނަ ހޮކޭ ނިއު ރޭޑިއަންޓްގައި ހަތަރު ސީޒަން ހޭދަކޮށްފައިވާ އިރު، އޭނާއަކީ ރާއްޖޭގެ ތާރީހުގައިވެސް ފެނުނު އެންމެ މޮޅު އެއް ފުލް ބެކެވެ. 2012 ވަނަ އަހަރުން ފެށިގެން ހޮކޭ ގައުމީ ޓީމަށްވެސް ކުޅެފައިވާ އިރު، 2012 ވަނަ އަހަރު ގައުމީ ޖާޒީގައި ޗެލެންޖު ކަޕަށްވެސް ހޮކޭ ނުކުމެފައިވެއެވެ.
ބޯޅައިގެ ހުނަރު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ހޮކޭ ފާހަގަވެގެން ދިޔުމާއެކު އޭރު ގައުމީ ޓީމުގެ ކޯޗު ކަމުގައި ހުރި އިސްތަވާން އުރުބާނީ ވަނީ ހޮކޭ ވާތް ފަޅިން ކުރިއަށްވެސް ކުޅުވައިފައެވެ. އެ މުބާރާތުގައި ހޮކޭ ވަނީ ގައުމީ ޓީމަށް އޭނާ ޖެހި ފުރަތަމަ، އަދި ހަމައެކަނި ގޯލުވެސް ނޭޕާލް ކޮޅަށް ޖަހައިފައެވެ.
މެދު ތެރެއަށްވެސް ކުޅޭ ހޮކޭ އެންމެ ފަހުން ކުޅެފައިވަނީ ދަ ގްރާންޑޭއަށާއި ސުޕަ ޔުނައިޓެޑް (ސަސް) އަށެވެ. 2019-20 ވަނަ އަހަރުގެ ސީޒަންގައި ހޮކޭ ދަ ގްރާންޑޭއަށް ކުޅެފައިވާ އިރު، އޭނާ ވަނީ މި ސީޒަންގައި ސަސްއަށް ކުޅެފައެވެ. އެގޮތުން ޕްރެސިޑެންޓްސް ކަޕްގައި ސަސްއިން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ހޮކޭ ކުޅެފައިވެއެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ