ނ. ކުޑަފަރީ ސްކޫލުގެ ދަރިވަރުން ސްކޫލަށް ދިޔުމަށް އެރަށު ކައުންސިލުން ބައިސްކަލު ހޯދައިދީފިއެވެ.
ކުޑަފަރީ ކައުންސިލްގެ މެންބަރު ދިމްޝާ އަބްދުލް މަޖީދު "ވަން" އަށް މިރޭ ވިދާޅުވީ ދަރިވަރުންނަށް ބައިސްކަލް ހޯދައިދިނުމަށް ހާއްސަ ލޯން ސްކީމް، "ބައިކް ޓު ސްކޫލް" ތައާރަފުކުރީ މިދިިޔަ އަހަރުގެ މެދުތެރޭގައި ކަމަށެވެ. އެ ލޯނު ސްކީމް ފަށަން އިންޓަރެސްޓަކާ ނުލައި އެހީވެދީފައިވަނީ ސޮނެވާ ޖާނީ ރިސޯޓުންނެވެ
ދިމްޝާ ވިދާޅުވީ އެ ސްކީމުގެ ދަށުން ދިހަ ބައިސްކަލް މިއަދު ރަށަށް ގެނެސް ދަރިވަރުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެ ސްކީމުގެ ދަށުން ދަރިވަރުން ބޭނުންވާ ބައިސްކަލެއް ގެނެސްދޭނެ ކަމަށްވެސް ދިމްޝާ ވިދާޅުވިއެވެ.
"މީ އިންޓަރެސްޓަކާ ނުލައި އެއް އަހަރުން ފައިސާ ދެއްކޭ ގޮތަށް ތައާރަފުކޮށްފައިވާ ސްކީމެއް،" ދިމްޝާ ވިދާޅުވިއެވެ.
އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް އެ ސްކީމުގައި ބައިވެރިވެވޭނެއެވެ. އަދި މާލީ ގޮތުން ދަތި ބެލެނިވެރިންނަށް ހިލޭ ބައިސްކަލު ލިބޭނެ ގޮތްތައް ހަމަޖެއްސައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީއާއެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް ދިމްޝާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން އިންނާނެ ފޯމުގައިވެސް ހިމަނާފައި "ވަލްނޮރޮބަލް" ކުދިންނަށް، އެއީ މާލީ ގޮތުން މަހުން މަހަށް ފައިސާ ނުދެއްކޭ ބެލެނިވެރިންނަށް. އެކަން ފޯމުގައި ޖެހުމަށްވެސް އިންނާނެ. މި ސްކީމުގެ ދަށުން އިތުރު ލުއިތަކާއެކު ބައިސްކަލު ނެނގޭނެ ކަމަށް،" ދިމްޝާ ވިދާޅުވިއެވެ.
ދިމްޝާ އިތުރަށް ވިދާޅުވީ ދަރިވަރުންނާ ހަވާލުކުރާ ބައިސްކަލު އަމިއްލައަށް މަރާމާތުކުރަން ދަސްކޮށްދިނުމަށް، ކޮމިއުނިޓީ ވޯކްޝޮޕެއް ހުޅުވުމަށް ކައުންސިލުން ވިސްނަމުންދާ ކަމަށެވެ. އަދި ދަރިވަރުންނަށް ބައިސްކަލު ހޯދައިދިނުމުގެ އިތުރުން ކިޔެވުން ފެށޭއިރު ދަރިވަރުންނަށް ދަބަހާއި ޔުނީފޯމް ފަދަ ތަކެތި ހޯދައިދިނުމަށްވެސް ހާއްސަ ސްކީމް، "އުފަލުން ސްކޫލަށް" ނަމުގައި ކުރިއަށްގެންދަން ކައުންސިލުން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.