ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓުތަކެއް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ދިވެހި ސަރުކާރުން ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި، އެ ދެ ބިމާއި ފަޅުރަށް އަލުން ދޭން ނިންމައި މި ހަފުތާގައި އެއްބަސްވުމުގައި ސޮއިކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "ވަން"އަށް މިރޭ ވިދާޅުވީ، ޓާޓާއާއެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުން ބަދަލުގެ ގޮތުގައި 200 މިލިއަން ޑޮލަރު ހޯދުމަށް އާބިޓްރޭޝަނަށް ހުށަހެޅި ކަމަށެވެ.
އަކްރަމް ވިދާޅުވީ، އާބިޓްރޭޝަން މަރުހަލާގައި ޓާޓާއަށް 200 މިލިއަން ޑޮލަރު ދިވެހި ދައުލަތުން ދޭން ޖެހިއްޖެ ނަމަ އެއީ ދައުލަތަށް ބުރަ ބޮޑުވާނެ ކަމެއް ކަމަށާއި އެހެންކަމުން ސަރުކާރުން މިހާރު ނިންމާފައިވަނީ ކުރިން ޓާޓާއާއެކު ހެދި އެއްބަސްވުން ރުޖޫއަކޮށް، އާބިޓްރޭޝަނުން ބޭރުގައި މައްސަލަ ނިންމުމަށް ކަމަށެވެ.
"އެކަމުގެ އެއްބަސްވުމުގައި މި ހަފުތާގެ ތެރޭގައި ސޮއިކުރެވޭނެ،" ވަކި ދުވަހެއް ވިދާޅުނުވެ އަކްރަމް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، ޓާޓާ ކުންފުންޏާއެކު ހެދި އެއްބަސްވުމުގެ ދަށުން ކުރީގެ ގާކޮއްޓާއި އަރަބިއްޔާގައި ސޯޝަލް ހައުސިންގެ 280 ފުލެޓު އެޅިއެވެ. އޯޑިއޯން އާއި ނާދީ ހުރި ބިން ޓާޓާއަށް ދިނީ އޭގެ ބަދަލެއްގެ ގޮތުންނެވެ. ޓާޓާއެކު އެއިރު ހެދި އެއްބަސްވުމުގައި، ރިސޯޓެއް ހަދަން ޅ. ޅޮއްސަލަފުށި ވެސް އެކުންފުންޏަށް ދިނެވެ.
ނަމަވެސް ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަނީ ޓާޓާއާއެކު ހަދާފައިވާ އެއްބަސްވުން 2017 ވަނަ އަހަރުގެ ތެރޭގައި ބާތިލުކޮށްފައެވެ. އެ އެއްބަސްވުން ބާތިިލުކުރީ، ޓާޓާއަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެ ބިމުގައި މަސައްކަތް ފަށާފައި ނުވާތީ ކަމަށް ބުނެއެވެ.
ޓާޓާއާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޯޑިއޯން އަދި ނާދީ ހުރި ބިމުގައި މަތީ ފަންތީގެ 120 ފުލެޓު އަޅާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު