ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް އަންނަ މަހު ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްްދުތަކުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ވަނީ ދުވަސްތަކެއް ވެފައެވެ.
މަގުތަކުގެ މަސައްކަތާ ގުޅޭގޮތުން އެޗްޑީސީގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، ހިޔާ ފްލެޓު ސަރަހައްދުގެ މަގުތައް އަންނަ މަހުގެ ފަހުކޮޅުގައި ނިންމައިލެވޭނެ ކަމަށެވެ.
"ފޭސް އެކެއް އަދި ފޭސް ދޭއްގެ މަގުތައް ހެދުމުގެ ތެރެއިން އަޅުގަނޑުމެން އެންމެ އިސްކަމެއް މިދެނީ ހިޔާ ފްލެޓުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ނިންމުމަށް،" އޭނާ ވިދާޅުވިއެވެ.
އެޗްޑީސީން ލަފާކުރަނީ ހިޔާ ފުލެޓު ސަރަހައްދުގެ މަގުތައް އަންނަ މަހުގެ 22 އަށް ނިންމައިލެވޭނެ ކަމަށެވެ. އަދި މުޅި މަޝްރޫއު އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހަށް ނިންމައިލެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން މީގެ ކުރިން ބުނީ، ފްލެޓުތައް ހިމެނޭ ސަރަހައްދުގެ މަގުތައް ހެދުމުގެ މަސައްކަތް މިދިޔަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ ކަމަށެވެ.
ހުޅުމާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏަކާއެވެ.