މިވަގުތު ޗުއްޓީ އަށް އަމިއްލަ ރަށުން ބޭރުގައި ތިބި ދަރިވަރުންނާއި ޓީޗަރުން ޕީސީއާރް ޓެސްޓު ހެދުމަށްފަހު ވީހާވެސް އަވަހަކަށް އަމިއްލަ ރަށަށް ދިޔުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.
ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، ހާއްސަކޮށް މާލެ ސަރަހައްދުގައި އާބާދީގެ ފަސް ޕަސެންޓަށްވުރެ ޕޮޒިޓިވިޓީ ރޭޓު މަތިވެފައިވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ރަށްރަށަށް ދަތުރުކުރާއިރު 72 ގަޑިއިރުނުވާ ޕީސީއާރް ނެގެޓިވް ނަތީޖާ އޮންނަންޖެހެއެވެ.
މި ފިޔަވަޅުތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދިޔުމަކީ އެ މިނިސްޓްރީން އަބަދުވެސް އެންމެ އިސްކަމެއްދޭ ކަންތައް ކަމަށެވެ.
އެހެންކަމުން ސްކޫލްތަކުގެ ޓީޗަރުންނާއި ދަރިވަރުން ދެވަނަ ޓާމުގެ ކިޔެވުން ފެށެންވާއިރު ސްކޫލްތަކަށް ހާޒިރުވުމަކީ އެ މިނިސްޓްރީން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށްވެސް އެޑިއުކޭޝަނުން ބުންޏެވެ.
"މިވަގުތު ޗުއްޓީ އަށް އަމިއްލަ ރަށުން ބޭރުގައި އުޅުއްވާ ޓީޗަރުންނާއި ދަރިވަރުން ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ދަތުރު ކުރުމުގެ މިންގަނޑުތައް ފުރިހަމަ ކުރައްވައި ވީ އެންމެ އަވަހަކަށް ރަށަށް ވަޑައިގެން ދެއްވުމަކީ މި މިނިސްޓްރީގެ ވަރަށް ބޮޑު އެދުމެއް،" އެޑިއުކޭޝަނުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ އިތުރު ފިޔަވަޅުތަކެއްވެސް އަޅައިފައެވެ. އެގޮތުން ކޮވިޑް ވެކްސިން ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހެއްނަމަ 72 ގަޑިއިރު ނުވާ ޕީސީއާރް ނެގެޓިވް ނަތީޖާއާއެކު ދަތުރުކުރެވޭނެ ކަމަށެވެ. އަދި ވެކްސިން ފުރިހަމަކޮށްފައި ނުވާ މީހަކު ނަމަ 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ. އަދި ކަރަންޓީނުން ދޫކުރަނީ ކޮވިޑު ޓެސްޓު ނެގެޓިވްވުމުންނެވެ.
މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން "ކޮވިޑްސޭފް" ޕޯޓަލްއިން ނެގެޓިވް ނަތީޖާ ދައްކާފައި ދަތުރުކުރުން ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ އަދި ކަރަންޓީނުވުމަށް ދަތުރުކުރާ ފަރާތްތަކުން "ހާލުބެލުން ޕޯޓަލް" އިން ހުއްދަ ހޯދައިގެން ދަތުރުކުރުންވެސް ވަނީ އެދިފައެވެ.
މީގެ އިތުރުން މާލެ ސަރައްދުގައިވެސް ފިޔަވަޅުތައް ވަނީ ހަރުކަށިކޮށްފައެވެ. އެގޮތުން މާލޭ ސަރަހައްދުގައި 50 މީހުންނަށް ވުރެ ގިނައިން އެއްވާ ހަރަކާތްތައް ބޭއްވުން ވަނީ މަނާކޮށްފައެވެ. އަދި މަގުމަތީ ބާޒާރުތައްވެސް ވަނީ މަނާކޮށްފައެވެ. ސަޕޯޓަރުން ވައްދައިގެން ކުޅިވަރު ހަރަކާތްތައް ބޭއްވުންވެސް މިހާރު ވަނީ މަނާކޮށްފައެވެ.
އެޗްޕީއޭ އިން ވަނީ މިއަދާއި މާދަމާ މާލެއިން ރަށްރަށަށް ދާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީފައެވެ. އެގޮތުން މާލެއިން ކޮވިޑަށް ޓެސްޓު ކުރުމުގެ ބަދަލުގައި ރަށަށް ގޮސް ޓެސްޓު ކުރެވޭނެ ކަމަށާއި އަދި ނަތީޖާ ނުލިބުނު ނަމަވެސް ރަށަށް ދެވޭނެ އުސޫލެއް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް ޓެސްޓު ނަތީޖާ ލިބެންދެން ކަރަންޓީނުގައި ތިބެން ޖެހޭނެއެވެ.
ޚަބަރު
ޚަބަރު