ކޮވިޑަށް ސާމްޕަލް ނަގަން ގިނަ ބަޔަކު ކިއު ހަދަމުންދާތީ، އެފްއޭއެމް އިމާރާތުގައި އިތުރު ސާމްޕަލް ސެންޓަރެއް ހުޅުވައިފިއެވެ.
އެޗްޕީއޭ އިން އިއްޔެ ވަނީ، މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި އަމަލުކުރަންޖެހޭ އުސޫލު ހަރުކަށިކޮށްފައެވެ. އެގޮތުން ރަށްރަށަށް ދަތުރުކުރާ އިރު، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއް އޮތުން ވަނީ ލާޒިމުކޮށްފައެވެ.
އެ ބަދަލާއެކު ކޮވިޑު ސާމްޕަލް ކަލެކްޝަން ސެންޓަރުތަކަށް ބާރު ބޮޑުވެ، ރެއިން ފެށިގެން ދިގު ކިއުތަކެއް ވަނީ ހަދަން ފަށައިފައެވެ. ހާއްސަކޮށް މާލޭ ސަރަހައްދުގައި މިވަގުތު ހިލޭ ސާމްޕަލް ނަގައިދޭ، ސޯޝަލް ސެންޓަރުގެ ބޭރުގައި އެތައް ބަޔަކު މިއަދު ހެނދުން ފެށިގެން ކިއުގައި ޖެހިފައި ތިއްބެވެ.
އެކަމާ ގުޅިގެން އެޗްޕީއޭއަށް ނުރުހުން އަމާޒުވެފައި ވަނިކޮށް، އެ އެޖެންސީން ވަނީ ސޯޝަލް ސެންޓަރުގައި ހުރި ސާމްޕަލް ސެންޓަރު ތާޖުއްދީން ސްކޫލަށް ބަދަލުކޮށް، އެ ސްކޫލުގެ ހޯލުގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިފައެވެ. އަދި ކުރީގެ އެފްއޭއެމް ބިލްޑިގުގައިވެސް މިހާރު ވަނީ ސާމްޕަލް ކަލެކްޝަން ސެންޓަރެއް ހުޅުވައިފައެވެ.
ސްކޫލް ބަންދާ ދިމާކޮށް، މާލެ އައިސް އެނބުރި ރަށަށް ދިއުމަށް ގިނަ ބަޔަކު ސާމްޕަލް ނަގަމުންދާ އިރު، ހެލްތު މިނިސްޓްރީގެ ކޮމިޝަނާ އޮފް ކުއަލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާނު "ވަން" އަށް މިއަދު ވިދާޅުވީ މިވަގުތަށް ބޭނުންވާ ވަރަށް ޓެސްޓު ކިޓު އެބަހުރި ކަމަށެވެ. އަދި އަތޮޅުތަކަށްވެސް ރިކުއެސްޓު ކުރަމުންދާ ވަރަކަށް ފޮނުވަމުންދާ ކަމަށާއި ނަމަވެސް ޓެސްޓު ކިޓު ހުރި ސީދާ އަދަދު ދަންނަވަން ދަތި ކަމަށެވެ.
ޚަބަރު
ޚަބަރު