ކޮވިޑުގެ ގިނަ ކޭސްތަކެއް ފެނި ހދ. ނޮޅިވަރަންފަރު މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ނޮޅިވަރަންފަރު ކައުންސިލް މެމްބަރު އަހުމަދު ވަހީދު މިއަދު "ވަން" އަށް ވިދާޅުވީ އެރަށުގެ ހާލަތު މިހާރު ގޯސްވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ނަތީޖާ ލިބިފައިވާ 38 ސާމްޕަލްވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ ފުލޫ ކުލިނިކަށް ދައްކާ މީހުން ގިނަ އަދަދަކަށް ޕޮޒިޓިވް ވަމުންދާ ކަމަށާއި އަދި އެމީހުންގެ ޑައިރެކްޓް ކޮންޓެކްޓުންވެސް ޕޮޒިޓިވްވާ ރޭޓު މަތިވަމުންދާ ކަމަށެވެ.

"ބަންދު ވީމަ މާލެއިން އަންނަ މީހުންނާއި މާލެ ގޮސްފަ އަނބުރާ ރަށަށް އަންނަ މީހުންގެ އަދަދު މިއޮތީ އިތުރުވެފަ. ދެން ކުޅުދުއްފުށީގަވެސް ބަލި އެބަ އޮތް. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިރަށުން އެތަކެއް ބަޔަކު ދާނެ. ދެން އަނެއްހެން ބަލި ރަށަށް އައީ ކިހިނެއް ކަމެއް ނޭނގެ ބުނާކަށް. އިއްޔެ ނޫން ކުރިން ދުވަހާ ހަމައަށް އެކްޓިވް ކޭސްތަކުގެ އަދަދު 38 އަކަށް ވަނީ އަރާފަ. އެ ދުވަހު ނެގި ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބޭ. ލިބުނީމަ އިތުރުވުންވެސް އެކަށީގެންވޭ." އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިންވެސް އެރަށުގައި ކޮވިޑު ފެތުރުނު ކަމަށާއި އެކަމަކު އޭރު ބަލި ޖެހުނު މީހުންގެ ފަރާތުން މާބޮޑު އަލާމާތެއް ނުފެނުނު ނަމަވެސް މިހާރު ބަލި ޖެހޭ މީހުންގެ ފަރާތުން ބޮޑެތި އަލާމާތްތައް ފެންނަމުންދާ ކަމަށެވެ. އެގޮތުން ގައިގަ ރިއްސުމާއި ކެއްސުމާއި ބޮލުގައި ރިއްސުންފަދަ އަލާމާތްތަށް ފެންނަމުންކަން އޭނާ ފާހަގަކުރެއްވިއެވެ.