ޚަބަރު

ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް ކުޑަކޮށްފި

އަލީ ޔާމިން

އަޑިއަށްދިޔަ އަލަމާ-5 ދޯނީގެ ކައްޕި، އާދަމް ޝަފީއު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުޑަކޮށްފިއެވެ.

އަލަމާ ދޯނި އަޑިއަށް ދިޔައީ މިމަހުގެ ތިން ވަނަ ދުވަހު ފ. ފީއަލީން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް އެރޭގެ 10:50 ހާއިރު ވ. ފުސްފަރު ހުޅަނގުންނެވެ.

ދޯނި އަޑިއަށް ދިޔަ ހާދިސާގައި އޭގެއިން ދަތުރުކުރި ތިން މީހުންވެސް ކަނޑުވިއެވެ.

އޭގެ ތެރެއިން ދެ ބިދޭސީ ފަޅުވެރިން ވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ ފޯނުން ގުޅައި އެމީހުން ތިބިތަން ސަލާމަތީ ހިދުމަތްތަކަށް އަންގައިފައެވެ. އަދި ފަސްވަނަ ދުވަހުގެ ހެނދުނު 6:50 ހާއިރު އެމީހުން ވަނީ ސަލާމަތްކޮށްފައެވެ. އެމީހުން ތިބީ ކުކިން އޮއިލް ހުސްކުރި ހަންތަކެއްގައި އެލިގެންނެވެ.

ނަމަވެސް އެ ދޯނީގެ ކައްޕި ނުފެންނާތީ، އޭނާ ހޯދުމަށް ކޯސްޓްގާޑުން ވަނީ ހުއްޓުމެއްނެތި މަސައްކަތް ކޮށްފައި ކަމަށާއި އެގޮތުން އޭނާ ހޯދުމަށް ކަނޑާއި ވައިގެ މަގުން 7299.78 އަކަނޯޓިކަލް މޭލުގެ ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށްވެސް އެމްއެންޑީއެފުން މިއަދު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ ދޯނީގެ ކެޕްޓަންގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައި ނުވާތީ ކޯސްޓްގާޑުން ހިންގި ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަން ވަނީ ސާފޭސް ސާޗަކަށް ބަދަލުކޮށްފައި ކަމަށެވެ.

"އަލަމާ-5" ދޯނީހެ ބިދޭސީ ދެ ފަޅުވެރީން ސަލާމަތްވީ ކަނޑުވެފައި ތިބޭތާ 35 ގަޑިއިރު ފަހުން ކަމަށް އެފަޅުވެރިން ވަނީ ވަން އަށް ބުނެފައެވެ. އެމީހުން ބުނި ގޮތުގައި، އާދަމްވެސް އެމީހުންނާއެކީގައި ހަންތަކުގައި އެލިގެން ވަރަށް ގިނައިރު ވަންދެން އޮތެވެ. އަދި އާދަމް ހަންތަކުން ދޫކޮށްލީ، ރަށްތަކުގެ އަލި ފެންނަން ފެށުމުން އެ ދިމާލަށް ދިއުމަށް ކަމަށް ފަޅުވެރިން ބުނެފައިވެއެވެ.