އިބްރާހިމް ވަހީދު ހަސަން (އިއްބެ)ގެ ހެޓްރިކާއެކު ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މުބާރާތުގެ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު މާޒިޔާއިން ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ ބަލިކުރީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ލީގު ބުރުގެ އެއް ވަނައިގައި މިވަގުތު މާޒިޔާ އޮތީ ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓާއެކުގައެވެ. ދެ ވަނައިގައި އޮތް ވެލެންސިއާ އަށްވެސް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާއަށް އެއްވަނަ ލިބެނީ ފައިދާ ގޯލުންނެވެ. ތިން ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ލިބިފައިވަނީ ފަސް މެޗުން 12 ޕޮއިންޓެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގެ ޖާގަ ލިބެނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމު ލީގު ބުރެއް ކުޅެގެން އެންމެ ކުރިން ނިންމާ ދެ ޓީމަކަށެވެ. ފައިނަލުގެ ޖާގަ އަކަށް ވާދަކުރާ ތިން ޓީމު ކަމަށްވާ މާޒިޔާ އާއި ވެލެންސިއާ އަދި ގްރީން ސްޓްރީޓްސް އަށް ބާކީ ދެން އޮތީ ދެމެޗެވެ.

މާޒިޔާ އަށް ބާކީ އޮތީ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ މެޗެވެ. ވެލެންސިއާ އަށް އޮތީ އީގަލްސް އާއި މާޒިޔާ މެޗެވެ. އަދި ގްރީން ސްޓްރީޓްސް އަށް އޮތީ މާޒިޔާ މެޗާއި އީގަލްސް މެޗެވެ. މާޒިޔާ އާއި ވެލެންސިއާ ދެން އޮތް މެޗުން މޮޅުވެއްޖެނަމަ ބާކީ މެޗެއް އޮއްވައި، އެ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.

ފުރަތަމަ މިނެޓުން ފެށިގެން މާޒިޔާ އިން ކުޅުން ކޮންޓްރޯލްކޮށް ޑޮމިނޭޓް ކުރިއެވެ. މެޗުގެ ކުރީކޮޅުގައިވެސް ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)ގެ ނުރައްކާ ފާހަގަވެގެން ދިޔަ އިރު، އޭނާ ވަނީ ހަވަނަ މިނެޓުގައިވެސް ނުރައްކާ ކޮށްފައެވެ. ހުސްކޮށް ކަހަލަ ގޮތަކަށް އޮވެ ޖެހި ބޯޅަ ގޯލުގެ ރޮނގުމަތިން ސަލާމަތްކުރީ ޔުނައިޓެޑް ވިކްޓްރީގެ ޑިފެންޑަރު އާދިލް އަބްދުލް ރަހުމާނެވެ.

މެޗުގެ 10 ވަނަ މިނެޓުގައި މާޒިޔާއިން ލީޑު ނެގިއެވެ. ގައުމީ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ (އަކޫ) މަތި މަތިން އެއްލި ބޯޅައަށް ކުރިއަށް ވަދެ ކޯނެލިއަސް ސްޓެވާޓް ފޮނުވާލި ބޯޅަ ގޯލަށް ވަނީ މަތީ ދަނޑީގައި ޖެހިފައެވެ. ހިތްގައިމު ގޯލެކެވެ.

ގޯލާއެކު މާޒިޔާއިން ހަމަޖެހިގެން ކުޅެމުން ދަނިކޮށް މެޗުގެ 33 ވަނަ މިނެޓުގައި ޔޫވީއަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރު ވެގެން ދިޔައެވެ. އަރިމަތިން މާޒިޔާގެ ޑިފެންޑަރު ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ އަހުމަދު ބައްސާމް އޭރިއާ ތެރެއިން ނަގައިދިން ހުރަސް، އިބްރާހީމް އިލްހާންއަށް މުޅިން ހުސްކޮށް ގޯލަށް ފޮނުވާލަން ލިބުނު ނަމަވެސް، އޭނާ ޖެހި ބޯޅަ ދިޔައީ މާ ބޮޑަށްވެސް މަތިން ބޭރަށެވެ. ބައްސާމް ހުރަސް ނަގައިދިނީ މާޒިޔާގެ ގޯލްކީޕަރުވެސް ކުރިއަށް ޖެހިލި ވަގުތުއެވެ.

ދެން އަނެއްކާވެސް ފުރަތަމަ ހާފުގައި ފެނުނީ މާޒިޔާއިން ނުރައްކަލެވެ. އަރިމަތިން ވަދެ ހަމްޒާ މުހައްމަދު (ހަމްޕު) އޭރިއާ ބޭރުން ކާވް ކޮށްލި ބޯޅަ ގޯލާ އަމާޒުނުވެ ކުޑަ ތަންކޮޅެއް ބޭރަށް ދިޔަ އިރު، މުހައްމަދު އުމައިރު ބޮލުން ޖެހި ހަމަލާ ބްލޮކް ކޮށް ބޭރުކޮށްލީ ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރު އާދިލެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން 30 ސިކުންތުގެ ތެރޭގައި މާޒިޔާގެ ދެ ވަނަ ގޯލު ޖެހިއެވެ. އޭރިއާތެރެއަށް ހުސްކޮށް ބޯޅަ ހިފައިގެން ވަދެ އިއްބެ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. އޭގެ ހަތަރު މިނެޓް ފަހުން އޭރިއާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ވައްދާލައި، އިއްބެ ހެޓްރިކާ ގާތަށް ޖެހިލިއެވެ. އަދި 72 ވަނަ މިނެޓުގައި ލިބުނު ކޯނަރުގެ އެހީގައި އިއްބެ އޭނާގެ ހެޓްރިކް ފުރިހަމަވެސް ކުރިއެވެ.

މި ސީޒަންގެ މިހާތަނަށް އިއްބެ ހަތް ގޯލު ޖަހާފައިވާ އިރު، މިއީ އަނިޔާއިން ރަނގަޅުވެ އޭނާ އެންމެ ފޯމު ރަނގަޅުކޮށް ފެނުނު މެޗުތަކެވެ. ކުރިން ގައުމީ ޓީމުގައި އަދި ޓީސީގައި މުހިއްމު ރޯލެއް އަދާކުރި އިއްބެއަށް މިދިޔަ ސީޒަންވީ އަނިޔާވެ، އުނދަގޫތަކަކާ ކުރިމަތިވި ސީޒަނަކަށެވެ. އެހެން ނަމަވެސް މިހާރު އަނެއްކާވެސް އިއްބެ ފެންނަނީ ކުރީގެ ފޯމުގައި މޮޅަށް ކުޅެމުންދާތަނެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުން ނުކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ.