ކުޅިވަރު

ރާއްޖޭގެ ބީޗްވޮލީ ޓީމަށް ބްރެޒިލްގެ ފެންވަރު ރަނގަޅު، ކާމިޔާބު ކޯޗެއް

ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމަށް އިރުޝާދު ދިނުމަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ކަމަށްވާ ބްރެޒިލްގެ ވިނީޝިއުސް މާޓިން ޖިއޯނީ ގެނެސްފިއެވެ.

އުމުރުން 37 އަހަރުގެ ވިނީޝިއުސް އިއްޔެ ރާއްޖެ އަތުވެފައިވާ އިރު، އޭނާއަކީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީން ރާއްޖެއަށް ހަމަޖައްސައިދިން ކޯޗެކެވެ. ވިނީޝިއުސް ވެގެންދާނީ މިހާތަނަށް ގައުމީ ބީޗްވޮލީ ޓީމަށް އިރުޝާދު ދޭނެ އެންމެ ތަޖުރިބާކާރު ކޯޗަށެވެ. ކޯޗު ވިނީޝިއުސް ރާއްޖެއަށް ހަމަޖެއްސުމުގައި އެފްއައިވީބީގެ ރައީސް ބްރެޒިލްގެ އަރީ ގްރާސާ ބޮޑު ރޯލެއް ކުޅެފައިވެއެވެ. އެ ކޯޗު ރާއްޖެ ގެންނަން އެއްބަސްވީ ގްރާސާ ރާއްޖެއަށް ދާދިފަހުން ކުރި ދަތުރުގައި ކުރި މަޝްވަރާތަކުގައެވެ.

ވިނީޝިއުސްއަކީ ބީޗްވޮލީގެ އިތުރުން އިންޑޯ ވޮލީބޯޅައިގައި ވެސް ކޯޗިންގެ މަސައްކަތްތަކެއް ކުރާ ފަރާތެކެވެ.

ވިނީޝިއެސްއަކީ ކުޅުންތެރިއެއްގެ ތަޖުރިބާވެސް ބޮޑު ކޯޗެކެވެ. އޭނާ ވަނީ ބްރެޒިލް ގައުމީ ބީޗްވޮލީ ޓީމަށްވެސް ކުޅެ ކާމިޔާބީތައްވެސް ހޯދައިފައެވެ. އެގޮތުން ގްރީސްގެ އެތަންސްގައި 2004 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ބީޗްވޮލީން ފަސް ވަނަ ހޯދި ބްރެޒިލްގެ ބީޗްވޮލީ ޓީމުގައި ވިނީޝިއުސް ހިމެނެއެވެ.

ވިނީޝިއުސް ވަނީ ބީޗް ވޮލީބޯޅަ ހެޑް ކޯޗެއްގެ ގޮތުގައި ބްރެޒިލްގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީބޯޅަ ޓީމުގައިވެސް މަސައްކަތްތަކެއް ކޮށްފައެވެ. ވިނީޝިއުސްގެ ކާމިޔާބީތަކަށް ބަލައި އިރު، އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗް ވޮލީބޯޅަ ޓީމުތަކަށް 2013 ވަނަ އަހަރުގެ ވޯލްޑް ޓުއާ އިން އެއްވަނަ އަދި ދެ ވަނަ ހޯދައިދީފައެވެ. އަދި 2013 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް އިން ތިން ވަނަ ހޯދައިދިނެވެ. އޭގެ ފަހުން 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕުގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ. އަދި މިދިޔަ އަހަރުގެ ވޯލްޑް ޓުއާގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދީފައެވެ.

ރާއްޖޭގެ ބީޗް ވޮލީ ތަރައްގީކުރުމަށް ދުނިޔޭގެ ފެޑަރޭޝަނާ ގުޅިގެން ވީއޭއެމްއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ބީޗް ވޮލީބޯޅަ ފެޑަރޭޝަންގެ ރައީސް ގްރާސާ ރާއްޖެ ވަޑައިގެން ކުރި މަޝްވަރާތަކުގެ ތެރެއިން އަންނަ އަހަރު ބީޗްވޮލީ ވޯލްޑް ޓުއާގެ މުބާރާތެއް ރާއްޖެ ގެންނަންވެސް ނިންމާފައިވާ އިރު، ގައުމީ ބީޗް ވޮލީ ޓީމް 2028 ވަނަ އަހަރު އެމެރިކާގެ ލޮސްއެންޖެލެސްގައި އޮންނަ އޮލިމްޕިކްސްއަށް ގެންދަންވެސް ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެލްއޭ 2028 އަށް ގައުމީ ބީޗްވޮލީ ގެންދިއުމަށް ވާދަވެރި މެޗުތަކަކާއި މުބާރާތްތަކެއް ކުޅުންތެރިންނަށް ބޭނުންވާތީވެ ވީއޭއެމްއިން ދަނީ އެ މަސައްކަތް ކުރަމުންނެވެ.