ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ ދަށުން މަގުތަކުގެ "އެގްރިގޭޓް ބޭސް ކޯސްގެ" މަސައްކަތް ފަށާފައިވާ ކަމަށް އެ ޕްރޮޖެކްޓް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.
"އެގްރިގޭޓް ބޭސް ކޯސް" އަކީ ސަބްބޭސް ލޭޔާ ނިންމުމަށްފަހު ތާރު އެޅުމުގެ ކުރިން އަޅާ ހިލައިގެ ބޭސްއެކެވެ.
ދުވާފަރު މަގު ހެދުމުގެ ދެވަނަ ފޭސް މަޝްރޫގެ 50 ޕަސެންޓް ނިމިފައިވާ ކަމަށާއި މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ސަބްބޭސް އެޅުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދަށުން 17،790 އަކަ މީޓަރުގެ ދިގުމިނުގެ ނުވަ މަގެއްގައި ތާރު އެޅުމާއި 6،923 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރުން ހިމެނެއެވެ. އަދި ފެންހިންދާ ނިޒާމަކާއި މަގުބައްތި ހަރުކުރުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 37.8 މިލިއަން ރުފިޔާއެވެ.
ދުވާފަރު މަގު ހެދުމުގެ ފުރަތަމަ ފޭސްގެ މަސައްކަތް އެމްޓީސީސީން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުއެވެ.
އެމްޓީސީސީން އަންނަނީ ދުވަފާރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަމުންނެވެ. އެގޮތުން 22.2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި 423 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު