ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސްތެރޭގައި މާރާމާރީ ހިންގައި، އެމްޑީޕީގެ ސެކެޓްރޭޓިއަޓްގައި މަސައްކަތްކުރާ ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމުގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) އަށް ހަމަލާދިން ކަމުގެ ތަހުމަތުކޮށް ދައުވާ އުފުލާފައިވާ އަހުމަދު ޖަޒީލަށް ވަކީލަކު ހަމަޖައްސަން ދިހަ ދުވަހުގެ މުއްދަތެއް މިއަދު ދީފިއެވެ.

އެ މައްސަލައިގައި ޖަޒީލްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެއީ އެ ހާދިސާގައި މަންދީގެ އިތުރުން އެހެން އިތުރު މުވައްޒަފަކަށްވެސް އަނިޔާ ވެފައިވާތީއެވެ.

ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ދައުވާއާ ގުޅޭ ލިޔެކިޔުންތައް ލިބިއްޖެތޯ، މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ސުވާލު ކުރެއްވުމުން ޖަޒީލް ބުނީ މައްސަލައާއި ގުޅޭ ލިއެކިޔުންތައް މިދިޔަ މަހުގެ 14 ވަނަ ދުވަހު ލިބިފައިވާ ކަމަށެވެ. ނަމަވެސް އޭގައި ހިމެނޭ ސީޑީއެއް އޭނާގެ އަތުން ގެއްލިފައިވާ ކަމަށް ބުންޏެވެ. އެހެންކަމުން އެ ސީޑީ ހޯދައި ކޯޓަށް ހުށަހެޅުމަށް ގާޒީ އޭނައަށް އެންގިއެވެ.

މިއަދުގެ އަޑުއެހުމުގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ޖަޒީލް އެދުނެވެ. އެކަމަށްޓަކައި ގާޒީ ވަނީ އޭނާއަށް ދިހަ ދުވަހުގެ މުއްދަތެއް ދެއްވައިފައެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހު ހިނގި މި ހާދިސާގައި، މަންދީއަށް ހަމަލާދީފައިވަނީ ޗޭނު ގަނޑަކުންނެވެ. އެކަމުގެ ސަބަބުން މަންދީގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ވަނީ ފަރުވާ ހޯދައިފައެވެ.