ތައިލެންޑްގައި ކުރިއަށް ދިޔަ އޯލް ތައިލެންޑް ޓީޓީ ޗެމްޕިއަންޝިޕްގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ރާއްޖޭގެ ފާތިމަތު ދީމާގެ ޕެއާއިން ހޯދައިފިއެވެ.

ޑަބަލްސް ޗެމްޕިއަންކަން ދީމާ ހޯދީ ތައިލެންޑްގެ ފަންގާއެކު ޕެއާ ކޮށްގެންނެވެ. މިއަދު ކުޅުނު ފައިނަލް މެޗު ދީމާ އާއި ފަންގް ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. ދީމާ އާއި ފަންގް، ސެޓްތައް ގެންދިޔައީ، 11-8، 11-9 އަދި 11-7 އިންނެވެ.

ދީމާ މިހާރު ތަމްރީނުތައް ހަދަމުން ދަނީވެސް ޗައިނާގައެވެ. އޯލް ތައިލެންޑް ޓީޓީ މުބާރާތުގެ އިތުރު ކެޓަގަރީތަކުގައިވެސް ދީމާ ވާދަކޮށްފައިވާ އިރު، އޭނާ ވަނީ އަންހެން ސިންގަލްސްގެ 17 އަހަރުން ދަށުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ.

ކުއާޓާ ފައިނަލްގައި ދީމާ ބަލިވީ، މިދިޔަ އަހަރުގެ ފެބްރުއަރީގައި ތައިލެންޑްގެ ޗޮންބުރީ ޕްރޮވިންސްގެ ޓީޓީ މުބާރާތުގެ ފައިނަލްގައި ދީމާ ބަލިކުރި ކުޅުންތެރިޔާ އަތުންނެވެ. އޭރު ސީދާ ތިން ސެޓުން ދީމާ ބަލިވިއެވެ. އެކަމަކު މިފަހަރު މުބާރާތުގައި ދީމާ ބަލިވީ 3-1 ސެޓުންނެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ޓެނިސް ކުޅުންތެރިޔާ ދީމާއަށް މިދިޔަ އަހަރަކީވެސް ވިދުން ގަދަ އަހަރެކެވެ. 2021 ގައި އިންޓަނޭޝަނަލް ޓީޓީ ފެޑަރޭޝަންގެ އަންހެން ޔޫތު ރޭންކިންގެ ގަދަ 10 ގެ ތެރޭގައި ދީމާ ރޭންކް ކުރެވުނު އިރު، އޭނާ ވަނީ ޓީޓީގެ ޖޫނިއީ ވޯލްޑް ޗެމްޕިއަންޝިޕްގައި ވާދަކޮށް ރާއްޖެ ފަހުރުވެރި ކޮށްދީފައެވެ.

ދީމާއަކީ އެންމެ ޒުވާން އުމުރުން ފެށިގެންވެސް ރާއްޖޭގެ ޓީޓީގައި ތަފާތު ދައްކަމުން އަންނަ ކުޅަދާނަ އެތުލީޓެކެވެ. ގައުމީ ފެންވަރުގައި ކުޅެން ފެށިތާ ތިން އަހަރުގެ ތެރޭގައި ދީމާ ވަނީ ރާއްޖެއަށް 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ގެނެސްދީފައެވެ.

އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ކޮލިފައިވެފައެވެ.